ކައުންސިލް ތަކަށް ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށް ނިންމި ނިންމުން އިސްތިއުނާފު ކުރަނީ
ލޯކަލް ކައުންސިލުތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށް އިއްޔެ ހައިކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ބަންޑާރަނައިބުގެ އޮފީހުން ނިންމައިފިއެވެ.
އިއްޔެ ހައިކޯޓުން ނިންމި ނިންމުމުގައި ވަނީ ކައުންސިލުތަކަކީ ވަކި ގާނޫނީ ޝަހުސުތަކެއް ކަމުގައިވީ ނަމަވެސް ދައުލަތުގެ މަސްލަހަތާ ގުޅުންހުރި ކަންކަމުގައި ކައުންސިލުތަކަށް ކޯޓުގައި ދައުލަތް ތަމްސީލުނުކުރެވޭނެ ކަމަށެވެ. އަދި ދައުލަތް ތަމްސީލުކުރަންޖެހޭނީ ބަންޑާރަނައިބުގެ އޮފީހުން ކަމަށެވެ.
ހައިކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ އދ ފެންފުށީ ބިމެއްގެ މައްސަލާގައި އެ ރަށު ކައުންސިލާ ދެކޮޅަށް ރައްޔިތަކު ހުށަހެޅި މައްސަލައެއްގަ އެވެ. މައްސަލައިގައި ޖަވާބުދާރީވާން އެ ކައުންސިލަށް އެންގުމުން ކައުންސިލުން ބުނެފައިވަނީ ވަކީލަކު ނެތް ކަމަށާއި ކައުންސިލްގެ ފަރާތުން ޖަވާބުދާރީ ވާނީ އެޓާނީ ޖެނެރަލް ކަމަށެވެ. ނަމަވެސް އޭޖީ އޮފީހުން ބުނެފައިވަނީ ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ގާނޫނީ ޝަހުސިއްޔަތަކަށް ވާތީ މި މައްސަލައިގައި ވަކާލާތު ކުރަން ނުފެންނަ ކަމަށެވެ.
ކައުންސިލުތަކަކީ ވަކި ގާނޫނީ ޝަހުސެއް ކަމުގައިވީ ނަމަވެސް ޖިނާއީ މައްސަލަތައް ފިޔަވައި އެހެނިހެން މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރުމަކީ އެޓާނީ ޖެނެރަލްގެ ޒިންމާއެއް ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮންނާތީ ބަންޑާރަނައިބަށް ކައުންސިލުތައް ތަމްސީލު ނުކުރެވޭނެ ކަމަށް ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
މީގެއިތުރުން ބިންތަކަކީ ދައުލަތުގެ މިލްކިއްޔާތެއް ކަމުގައިވާތީ ބިމާ ބެހޭ މައްސަލަތަކުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ އެޓާނީ ޖެނެރަލް ކަމަށްވެސް އެ ހުކުމުގައި ބުނެފައިވެއެވެ.
އޭޖީ އޮފީހުން ބުނިގޮތުގައި ހއަކޯޓުގެ ނިންމުން ސުޕުރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައި ވާކަމަށެވެ.