ވަޒީފާތަކަށް ބިދޭސީން ގެނައުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
އަލިފުށީގެ ޖޮބްސެންޓަރެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނޮވެމްބަރު، 2018 ގައި މި ސަރުކާރު އުފެދުނު އިރު ބޭރުން މީހުން ގެންނަން 56،000 ވޯކް ޕާމިޓް ދޫކޮށްފައިވާ ކަމަށެވެ. އެކަމަކު، އަހަރު ނިމުނުއިރު 51،000 މީހުން ރާއްޖޭގެ ވަޒީފާ އަށް އެތެރެކޮށްފައި އެބައޮތް ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް މި ސަރުކާރުގެ މި އަހަރުގެ ހަތް މަސް ނިމުނުއިރު ވޯކްޕާމިޓް ހުއްދަ ދީފައި ވަނީ 8،900 މީހަކަށް ކަމަށް ވާއިރު، އޭގެ ތެރެއިން ވަޒީފާ އަށް ގެނެސްފައި ވަނީ އެންމެ 6،900 މީހުންކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
”ބާކީ މި އޮތް މުއްދަތުގައި އަދި އިތުރަށް މީހުން ގެނައި ކަމަށް ވިޔަސް، އަޅުގަނޑު މި ދެންނެވިހެން ކުރީގެ އަހަރުތަކާ ބަލާއިރުގައި ވަރަށް ބޮޑުތަން މި އޮތީ ކޮންޓްރޯލް ކުރެވިފައި. އަޅުގަނޑުމެން މި ކުރަން ފެށި މަސައްކަތް ކާމިޔާބު ވެގެންދާ ކަމުގެ ނިޝާނެއް މިއިން ފެނިގެން މިދަނީ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ވަޒީފާ ތަކަށް މީހުން ތައްޔާރު ކުރުމަކީ ރާއްޖޭގައި ކުރަން ޖެހިފައިވާ ކަމެއްކަމުގައެވެ.