މިދިޔަ މަހު ރާއްޖޭއަށް މުދާ އެތެރެ ކުރި މިންވަރު އިތުރު ވެއްޖެ
މިދިޔަ އޯގަސްޓް މަހު ރާއްޖެއަށް މުދާ އެތެރެ ކުރި މިންވަރު އިތުރު ވެއްޖެއެވެ.
ކަސްޓަމްސް އިން އާއްމު ކޮއްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުން އޯގަސްޓް މަހުވަނީ 3.5 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެ ކޮއްފައެވެ. މިއީ މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު %63 ގެ އިތުރު ވުމެކެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާއެތެރެ ކޮއްފައިވަނީ އިންޑިއާ އަދި ޗައިނާ އިންނެވެ. އިންޑިއާއިން 492 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއިރު ޗައިނާއިން ވަނީ 458 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެ ކޮއްފައެވެ.
މުދިޔަ މަހު ރާއްޖޭގެ އިންޕޯޓްސް އިތުރުވިޔަސް އެކްސްޕޯޓް ކުރި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ މަހު 270 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރިއިރު މިއީ މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރި %60 އިންސައްތަ ދަށް އަދަދެކެވެ.
މިދިޔަ ރާއްޖޭން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮއްފައިވަނީ ތައިލޭންޑް އަދި ޔޫކޭ އަށެވެ. ތއިލޭންޑް އަށް 130 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރިއިރު ޔޫކޭއަށް އެކްސޕޯޓު ކޮއްފައިވަނީ 18 މިލިއަން ރުފިޔާގެ މުދަލެވެ.
ކަސްޓަމް މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ވަނީ 288 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާ ބަލާއިރު %182 ގެ އިތުރު ވުމެކެވެ.