ކޮލަމާފުށީ ބަނދަރު ސަރައްހައްދުން ގިނަ ރައްޔިތުން އަމިއްލަ ހަރަދުގައި ފިނި ކުރުމަށް ހަދާފައިވާ މައިޒާނެއް ނަގައި ޕޮލިސް ސްޓޭޝަނެއް ހެދުމަށް ބިމެއްގެ ގޮތުގައި ދޭން ނިންމި ނިންމުމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓި މޭޔަރު އަހުމަދު ނަރީޝް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ނަރީޝް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ވިންދާ ސީދާ އިދިކޮޅަށް ކޮލަމާފުށީ ކައުންސިލުން ބިނާވެށި އެކުލަވާލުމުގެ މަސައްކަތް ކޮށް ކޮލަމާފުށީ ބަނދަރުމަތިން ގިނަ ރައްޔިތުން އަމިއްލަ ހަރަދުގައި ފިނި ކުރުމަށް ހަދާފައިވާ މައިޒާނެއްނަގައި ޕޮލިސް ސްޓޭޝަނެއް ހެދުމަށް ބިމެއްގެ ގޮތުގައި ދޭން ނިންމި ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އެހާމެ ދަށު ދަރަޖައިގެ އަމަލެއްކަމަށެވެ.
ނަރީޝް އިތުރަށް ވިދާޅުވީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި ބިނާވެށި އެކުލަވާލން ޖެހޭނީ ރައްޔިތުން އެދޭ އަމާޒަށާއި ރައްޔިތުން އެދޭ ގޮތަށް ކަމުގައެވެ.
މިކަމާި ގުޅޭ ގޮތުން ”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ނަރީޝް ވިދާޅުވީ މިކަމާއި ގުޅިގެން ކޮލަމާފުށީގެ މުސްތަގުބަލަށް ހުރަސްއެޅިގެންދާ ކަމުގައެވެ.
”ބަނދަރު ސަރަހައްދަކީ ވިޔަފާރީގެ ގޮތުން އެންމެ ”ޕްރައިމް“ ލޮކޭޝަން. ވަރަށް ފަހި ފުރުސަތުތަކެއް ޒުވާނުންނަށް ލިބިގެންދާނެ އެސަރަހައްދުން ޒުވާނުންނަށް. ކޮލަމާފުށީ ކައިރީގަ ރިސޯޓުތަށް އެބަ ހަދާ އަނެއްކާ މިސަރަހައްދުގެ މަސްދޯނި ފަހަރާ އޮޑި ފަހަރު އެންމެ ގިނައިން ވަންނަ ބަނދަރު މީ. މިތާ ޕޮލިސް ސްޓޭޝަނެއް އެޅީމަ ކިހިނެތްތޯ ވާނީ؟ ޒުވާނުންނަށް ލިބިފަވާ އެތަށް ފުރުސަތުތަކަކަށް ހުރަސް އެޅިގެން މިދަނީ. މިކަން ކުރި އިރު ޒުވާނުންގެ ބަހެއް ހޯދާފައެއް ނުވޭ“ ނަރީޝް ވިދާޅުވިއެވެ.
ނަރީޝް ވަނީ މިކަމާއި ގުޅިގެން އެމްޑީޕީ އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެމްޑީޕީން ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރާގޮތަކީ މިއީތޯ ނަރީޝް ވަނީ ސުވާލު އުފައްދަވާފައެވެ.