މިއަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން އައްޑޫއިން ހައްޔަރުކުރި މަފްތޫހް ސައީދު މިމަހުގެ 5 ވަނަ ދުބަހު ދޫކޮށްލިކަން އިތުބާރުހުރި މަސްދަރަކުން ”ބޮންތި“ އަށް ކަށަވަރުކޮށްދީފިއެވެ.
މަފްތޫހް ހައްޔަރު ކޮށްފައިވަނީ ހަރުކަށި ފިކުރު ފެތުރުމަށްޓަކައި މަސައްކަތް ކުރުމާއި ޓެރަރިޒަމަށް ހިތްވަރުދިނުމާއި އައިއީޑީ ހެދުމަށް ބޭނުންވާ ސާމާނު ގެންގުޅެ އެތަކެތިން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުމެއްދީފާނެކަމުގެ ތުހުމަތުގައެވެ.
މަފްތޫހް ދޫކޮށްލާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޝަމީމާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ އެދުމުގެ މަތިން ކަމުގައިވެސް މައުލޫމާތު ލިބެއެވެ.
މަހްތޫހް މީގެ ކުރިން ވެސް ދޫކޮށްލާފައިވެއެވެ. އެހެންނަމަވެސް ފުލުހުން އަލުން މަފްތޫހު ހައްޔަރު ކުރީ ބޮންހެދުމަށް ބޭނުންވާ ސާމާނު ސީދާ މަފްތޫހުގެ އަތުން ފެނުމާއި ގުޅިގެންނެވެ.
”ބޮންތި“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީ ހުސެއިން ޝަމީމް މި މައްސަލަ އަދިވެސް އިސްތިއުނާފެއް ނުކުރެއެވެ. އަދި މި މައްސަލަ އާއި ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާ އަށް ނުދިނުމަށް ޕީޖީ ޝަމީމް އަންގާފައިވާކަމަށްވެސް ބޮންތިއަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެން ނަމަވެސް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވަނީ މި މައްސަލަ އިސްތިއުނާފު ކުރުމާއި ގުޅޭޮތުން މާދަމާ ގޮތެއް ނިންމާނެ ކަމުގައި ވިދާޅުވެފައެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަށް ކޮށްފައިވާ ތުހުމަތާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒަށް ގުޅަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
މިކަމާއި ގުޅިގެން ގާނޫނީ ވަކީލަކާއި ވާހަކަ ދައްކާލުމުން އެނގިގެންދިޔައީ ޕީޖީ ޝަމީމާއި ލޯޔާރ މަހުފޫޒަކީ ވަރަށް އަރިސް ދެބޭފުޅުން ކަމުގައެވެ.
“ ބަލަ މަހުފޫޒު ކޮއްކޮގެ މައްސަލަ ކިހިނެތް ޕީޖީ ޝަމީމް ބަލާނީ؟ އޭނަ ގޮސް އެހުންނަނީ މަހުފޯޒު ގެ ލޯފާމްގަ އަބަދުވެސް. ކޮބާތޯ ޕީޖީ ޝަމީގެ ލަދުހަޔާތް؟“ ގާނޫނީ ވަކީލު ވިދާޅުވިއެވެ.
ލޯޔަރ މަހުފޫޒުގެ ކޮއްކޮ ދޫކޮށްލިކަން ހާމަވެފައި މިވަނީ މޭ6 ގެ ހަމަލާގައި އަނިޔާލިބުނު މަޖިލިސް ރައީސް މުހައްމަދު ނަޝީދު ރާއްޖެ އައުމަށް ޖެހިލުންވާކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ