ޚަބަރު

ވީއައިއޭގެ އައު ޓާރމިނަލް ނިންމަން އިތުރު 742 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ޓާރމިނަލް ނިންމުމަށް 742 މިލިއަން ރުފިޔާގެ އިތުރު ލޯނެއް ނަގާފައިވާކަން ހާމަވެއްޖެއެވެ.

އެގޮތުން ދާދިފަހުން ”ދައުރު“ ނޫހަށް ފިނޭންސް މިނިސްޓްރީއިން ފޯރުކޮށްދީފައިވާ ތަފާސް ހިސާބުތަކުން ހާމަވެފައިވާ ގޮތުގައި، އައު ޓާމިނަލްގެ އަގަށް އައި ބަދަލާ ގުޅިގެން އެމްއޭސީއެލް އިން ވަނީ އައު ޓާރމިނަލް ހެދުމަށް ލޯނު ދޭ ކުވައިތު ފަންޑުން މިދިޔަ އަހަރުގެ ޖޫން މަހު އިތުރު ލޯނެއް ނަގައިފައެވެ. އެގޮތުން އެމްއޭސީއެލްއިން ވީއައިއޭގެ ޓަރމިނަލް މަސައްކަތް ނިންމުމަށް އިތުރަށް ނަގާފައިވަނީ 48 މިލިއަން ޑޮލަރު ނުވަތަ 742 މިލިއަން ރުފިޔޭގެ ލޯނެކެވެ.

ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މީގެ 6 އަހަރު ކުރިން ބިއްލާދިން ކުންފުންޏާއި މިމަސައްކަތް ހަވާލުކުރީ 300 މިލިއަން ޑޮލަރަށް ޓާރިމިނަލްގެ ހުރިހާ ކަމެއް 4 އަހަރުތެރޭ ނިންމާގޮތަށެވެ. އެހެން ނަމަވެސް އެއްބަސްވުން ހެދިތާ 6 އަހަރު ވެގެންދިޔަ އިރުވެސް ޓާރމިނަލްގެ މަސައްކަތަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ރައީސް ޔާމީނުގެ ވެރިކަން ބަދަލުވެގެން ދިޔަ ހިސާބުން ޓާރމިނަލްގެ މަސައްކަތް މުޅިންހެން މަޑުޖެހިފައި އޮތް ނަމަވެސް, އެމްއޭސީއެލްއިން ބުނަމުންދަނީ ޓާރމިނަލްގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

”ދައުރު“ މަޖައްލާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމަޖައްލާއާއި މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުނެފައިވާ ގޮތުގައި ޓާރމިނަލްގެ މަޝްރޫއުގެ އަގު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ އެ މަޝްރޫއު ފުރަތަމަ ކޮންޓްރެކްޓްކުރި މުއްދަތަށް ވުރެ މަސައްކަތް ދިގުލައިގެން ގޮސްފައިވުމާއި, އެ މުއްދަތުގެ ތެރޭގައި ތަކެތީގެ އަގާއި ބޭރު ފައިސާގެ އަގަށް އައި ބަދަލުގެ ސަބަބުން މަޝްރޫއުގެ އަގު ބޮޑުވެގެން ގޮސްފައިވުމެވެ. މީގެ އިތުރަށް މި ސަރުކާރުން އެއާޕޯޓުގެ ޑިޒައިނަށް ގެނައި ބަދަލުތަކުގެ ސަބަބުން ވެސް އަގު އުފުލުނު ކަމަށް އޭނާ ބުނެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެއަރޕޯޓުގެ އައު ޓާމިނަލް ނިންމުމަށް ބޭނުންވާ 300 މިލިއަން ޑޮލަރު ހޯދާފައިވަނީ އެކި ފަންޑުތަކުންނެވެ. އެގޮތުން ސައުދީ ފަނޑުން 99.8 މިލިއަން ޑޮލަރު, ކުވައިތު ފަނޑުން 97.6 މިލިއަން ޑޮލަރު, އަދި އޯޕެކް ފަނޑުން 50 މިލިއަނާއެކު އަބުދާބީ ފަނޑުންވެސް 50 މިލިއަން ޑޮލަރު ވަނީ ހޯދާފައެވެ. އަދި މި ލޯނުތަށް އަބުރާ ދައްކަން ފަށަންޖެހޭ މުއްދަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ 4.6 އަހަރެވެ. އެހެން ކަމުން އެމްއޭސީއެލް އިން 48 މިލިއަން ޑޮލަރުގެ އައު ލޯނެއް ނަގާފައިމިވަނީ ފާހަގަކުރެވުނު ލޯނުދަން ދައްކަން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ޓާމިނަލްއަށް ނެގި ލޯނުތަކުގެ އިންޓަރެސްޓް ރޭޓް އުޅެނީ %2.84 ގަ އެވެ. އަދި އެ ލޯނުތައް އަނބުރާ ދައްކަން ޖެހެނީ 20 އަހަރު ދުވަހުގެ ތެރޭގަ އެވެ. ވީމާ ޓާރމިނަލް ނުހުޅުވި ލަސްވާ ކޮންމެ ދުވަހަކީ އެމްއޭސީއެލްއަށް އެކަމުގެ ގެއްލުން ދައްކާނެ ކަމެކެވެ. ވީއައޭގެ އައު ޓާމިނަލް ތަރައްގީކުރަނީ އަހަރެއްގެ ތެރޭގައި 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރަށެވެ. އަި މި ޓާމިނަލް ވެގެންދާނީ އޭޝިއާ ބައްރުގެ އެންމެ ރަނގަޅު ފެންވަރުގަިއ ގުނާލެވޭ ޓާރމިނަލަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button