
ފުވައްމުލައް ސިޓީގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާ އިރު ވެސް އެ ސިޓީގައި ކޮވިޑް-19 ގެ ޓެސްޓް ކުރެވޭ އިންތިޒާމުތައް ހަމަޖެހިފައި ނުވާތީ އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށައަޅުއްވާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް އެޑްރެސް ކުރައްވައި އާދަމް ޝަރީފް ފޮނުއްވި ސިޓީގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހުމުގެ ސަބަބުން ގިނަ ގުނަ ދަތިތަކާ އުނދަގޫތައް ފުވައްމުލައް ސިޓީގެ ރައްޔިތުން ގެންދަނީ ތަހަންމަލް ކުރަމުންދާ ކަމަށެވެ.
ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ ޕީސީއާރު ޓެސްޓް ފުވައްމުލައް ސިޓީގައި ހެދޭނެ އިންތިޒާމު މިހާތަނަށް އައި އިރު ވެސް ހަމަޖެހިފައި ނެތުމުގެ ސަބަބުން ދަތުރުފަތުރު ކުރަން ޖެހި އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
އާދަމް ޝަރީފް އިރުރަށް ވިދާޅުވީ ފުވައްމުލައް ސިޓީގެ ރައްޔިތުން ޕީސީއާރު ޓެސްޓް ހަދަން ސާމްޕަލް ނެގުމަށް ފަހު އެ ސާމްޕަލް ފޮނުވަން ޖެހެނީ އެހެން ސިޓީއަަކަށް ކަމަށާއި އެ ސިޓީއަކުން ޓެސްޓްގެ ނަތީޖާ ލިބެން ދެން ތިން ހަތަރު ދުވަހު މަޑުކުރަން ޖެހޭ ކަމަށެވެ.