ޚަބަރުސިޔާސީ

ސަރުކާރުން ލޯނު ނަގަނީ ދެއްކޭތީ: ޔައުގޫބް

ރައީސް ސޯލިހުގެ ސަރުކާރުން ލޯނުތައް ނެގުމުން ދޭހަވާ ކަމަކީ ލޯނު ދެއްކުމުގެ ގާބިލުކަން ސަރުކާރުގައި ހުރުން ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔައުގޫބް މިފަދައިން ވިދާޅުވީ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަ އަކަށް ރައްދު ދެއްވަމުންނެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ސުކޫކު ވިއްކައިގެން، ދަރަނީގެ ގޮތުގައި ސަރުކާރުން ނެގި ފައިސާގެ އަދަދު ބައި ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން މި އަހަރަށް ލަފާކުރި ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ޖެހި ފައިސާގެ ތެރެއިން ލިބުނީ އެންމެ 17 ޕަސެންޓް ކަމަށާއި ފައިސާ ހޯދަނީ ލޯނު ނަގައިގެން ކަމަށެވެ.

ސައީދުއަށް ރައްދު ދެއްވަމުން ޔައުގޫބް ވިދާޅުވީ ލޯނު ނަގަނީ ކޮން ފެންވަރެއްގެ ބައެއްތޯ، ލޯނު ދޫކުރާ ފަރާތްތަކުން ބަލާނެ ކަމަށާއި ލޯނު ނަގަން ހުށަހަޅަނީ ގާބިލު ފަރާތަކަށް ނުވެއްޖެ ނަމަ ލޯނެއް ދުލެއް ނުކުރާނެކަމުގައެވެ.

”ލޯނު ނަގާ ފަރާތުގެ ކްރެޑިޓް ރޭޓިން އާއި ފައިސާ އަނބުރާ ދެއްކޭނެ ގާބިލުކަން އެ މީހުންގެ ހުރިތޯ އާއި އަދި އެ މީހުންނަކީ ކިހާ ވަރެއްގެ ބައެއްތޯ އެތަައް ގޮތަކުން ބަލައި ދިރާސާ ކުރާނެ. ދިރާސާ ކުރުމަށް ފަހު ލޯނު މި ދޫކުރަނީ،“ ޔައުގޫބް ވިދާޅުވި އެވެ.

ޔައުގޫބް އިތުރަށް ވިދާޅުވީ ބޮޑެތި އަދަދުތަކުން ރާއްޖެ އަށް ލޯނުތައް ފުރަތަމަ ނަގަން ފެށީ ސައީދު އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ރައީސް ޔާމީންގެ ސަރުކާރުންނެވެ.

ޔައުގޫބް މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ދަރަނި 67 ބިލިއަން ދިވެހި ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button