ޚަބަރު

ޔޯގާ މައްސަލައިގައި 2 ޝައިޚުންގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުން މާދަމާ

ދިވެހި ސަރުކާރުން އިންޑިއާ އެމްބަސީއާއި ގުޅިގެން 21 ޖޫން 2022 ގައި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޔޯގާ ޙަރަކާތަށް ހުރަސް އެޅިކަމަށްބުނެ ހައްޔަރުކުރި ދެ ދީނީ ޢިލްމުވެރިން ކަމަށްވާ ޝައިޚް ފަޟްލޫން މުޙައްމަދާއި ޝައިޚް އާދަމް ނިޝާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުން ކްރިމިނަލް ކޯޓުގައި މާދަމާ( 17 އޮކްޓޯބަރު ވާ ހޯމަ ދުވަހުގެ ) ހެނދުނު 9:00 އަށް ތާވަލް ކޮށްފިއެވެ.

ޝައިޚް ފަޟްލޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝައިޚް ނިޝާން އަދި ޝައިޚް ފަޟްލޫންގެ މައްޗަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ގެ އަމުރަށް އެ 2 ޢިލްމުވެރިންގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުން މާދަމާ 9:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާކަމަށެވެ.

މިއާއިއެކު ޝައިޚް ފަޟްލޫން ގެ ޓްވީޓްގައި ކޮންމެ އަނިޔާއެއް ދިނަސް ލާދީނީ މީހުނަށް ދޫނުދެއްވުމަށް އެންމެހާ އަޚުންނާއި އުޚްތުންގެ ކިބައިން އެދިލައްވާކަމުގައި ވަނީ ވިދާޅުވެފައެވެ.

އަޚުންނާއި އުޚްތުންނޭ! ކޮންމެ އަނިޔާއެއް ދިނަސް ލާދީނީ ބައިގަނޑަށް ދޫނުދޭތިޝައިޚް ފަޟްލޫން ވިދާޅުވިއެވެ.

ޝައިޚް ނިޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެބޭފުޅުންގެ  މައްޗަށް ސަރުކާރުން ކުރާ ”ޓެރަރިޒަމް“ގެ ދަޢުވާ އާއި ގުޅޭ ލިޔުންތަކާއި ހެކީގެ ގޮތުގައި ހުށައަޅާފައިވާ 62 ސީޑީގެ ފުޓޭޖް، މިއަދު މެންދުރު އޭނާއާއި ހަވާލުކޮށްފައި ވާކަމަށާއި، ހަވީރު ގުޅައި ކުއްލިއަކަށް މާދަމާ (17-10-2022) 09:00 އަށް މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ތާވަލުކުރިކަމަށް އަންގައި ކޯޓަށް ޙާޒިރުވުމަށް އަމުރުކޮށްފައިވާކަމަށެވެ.މިއާއިއެކު ޝައިޚް ނިޝާން ވަނީ މިއީ ލާދީނީ ސަރުކާރުން ކުރާ ދައުވާއެއްކަމަށާއި، އިރާދަކުރެއްވިއްޔާ ޢުމުރު ދުވަހަށް ޙުކުމް ކުރިނަމަވެސް، ކުފުރާއި ޝިރުކުގެ ލާދީނިއްޔަތާއި ދެކޮޅަށް ކުރާ މަސައްކަތަށް އަދި ޢަޒުމަކަށް ހިތްވަރަކަށް ގުޑުމެއް ނާރާނެކަމަށް ވިދާޅުވެފައެވެ.

”15 އަހަރު ކީއްކުރަން ހެއްޔެވެ! ޢުމުރު ދުވަހަށް ޙުކުމް ކުރިނަމަވެސް، ކުފުރާއި ޝިރުކުގެ ލާދީނިއްޔަތާއި ދެކޮޅަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް އަދި ޢަޒުމަކަށް ހިތްވަރަކަށް ގުޑުމެއް ނާރާނެ، إن شاء الله.اللهم مزق ملك هذه الحكومة الطاغية الظالمة اللادينية.“ ޝައިޚް ނިޝާން ވިދާޅުވިއެވެ.

ޔޯގާ ޙަރަކާތަށް ހުރަސް އެޅި ކަމަށްބުނެ ދީނީ ޢިލްމުވެރިން ހިމެނޭހެން ގިނަ ދިވެހިންތަކެއްގެ މައްޗަށް ބޮޑެތި ދަޢުވާތަކެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އުފުލާފައެވެ.

ޔޯގާ އަކީ ޝިރްކުގެ ޢަމަލެއް ގޮތުގައި ގިނަ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ޙަރަކާތަކަށް ވީއިރު، މި ޙަރަކާތާއި ދެކޮޅަށް ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ބައިވެރިވެވަޑައިގެން އެކަމުގެ ޙުކުމް ބަޔާންކޮށްދެއްވި 2 ޢިލްމުވެރިން ކަމަށްވާ  ޝައިޚް ފަޟްލޫން މުޙައްމަދާއި ޝައިޚް އާދަމް ނިޝާނުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ހިންގުމަށް ހިތްވަރުދިނުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.

ދަޢުލަތުން އުފުލާފައިވާ މި ދަޢުވާތައް ސާބިތުވެއްޖެނަމަ އެއިން ކޮންމެ ބޭފުޅެއްގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ދެ އިލްމުވެރިން ހިމެނޭހެން ދައުލަތުން ވަނީ 19 މީހަކަށް ޓެރަރިޒަމްގެ ދައުވާ ކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button