ރިޕޯޓް

އެކެއް ފެބްރުއަރީގެ އަމުރުގެ ފަހަތުގައި އޮތީ އިންޑިއާ!

ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނަށް އަމާޒުކޮށް އޭރުގެ އިދިކޮޅުފަރާތްތަކުން ފޮނުވާލި ހަމަލާތަކުގެ ތެރެއިން އެންމެ ވަރުގަދަ ހަމަލާއަކީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ކުއްލި އަދި ހައިރާން ކުރުވަނިވި އަމުރެވެ. ދައުލަތުގެ ސިފަ މުޅިންހެން ކެނޑޭގޮތައް އޮތް މި އަމުރު ނެރުމުގައި އެންމެ އިސްރޯލެއް އަދާ ކުރީ މިއަދުގެ ސަރުކާރު ހިނގާ ކޯލިޝަނުންނެވެ ( ރައީސް ނަޝީދު، ރައީސް މައުމޫން، ގާސިމް އބްރާހިމް އަދި އިމްރާން އަބްދުﷲ). ނަމަވެސް އޭރު ނޭނގި އޮތީ އެ ހަމަލާގެ މޭސްތިރިންނެވެ. މުޅި ހަމަލާގެ ބިޔަ ބޮޑު ކަމާއި ދާނެ ހަރަދަށް ބަލާއިރު ކުރިންވެސް އެނގޭ އެކަށްޗަކީ ބޮޑު ބާރެއްގެ އެހީތެރިކަމާއި ނުލާ އެކަން ކާމިޔާބު ނުކުރެވޭނެ ކަމެވެ. ބޮންތި ނިއުސްއަށް ލިބިފައިވާ ބައެއް މައުލޫމާތައް ބަލާއިރު މި ހަމަލާގެ އެންމެ އިސް އެއް މޭސްތިރިއަކީ އަވަށްޓެރި އިންޑިއާއެވެ. އެކަމަށް ބާރުދޭ އައު ވާހަކަތަކެއް ތިލަކޮށްދޭނަމެވެ.

”އޮޕަރޭޝަން ކްރެކް“

މިއީ އެކެއްފެބްރުއަރީގެ އަމުރާއި ގުޅިގެން, އެ އަމުރު ނެރުމަށްޓަކައި ހިނގާދިޔަ އޮޕަރޭޝަން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ދިން ނަމެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި ހާއްސަ ވަޓްސްއެޕް ގުރޫޕެއް ހެދި އެ ގުރޫޕްގައި ކަމާގުޅުން ހުރި އިންޑިއާ ސިފައިންނާއި, ޑިޕްލޮމޭޓުން އަދި މި ކަމުގައި ބައިވެރިވާ އިދިކޮޅު ކޯލިޝަނުގެ ފޯކަލް ޕޮއިންޓްތައް ދިޔައީ މަޝްވަރާ ކުރަމުންނެވެ. މަޝްވަރާގެ ތެރެއިން ނިމުނު ކަންތައްތަކުގެ ތެރެއިން އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދޭ ގޮތުގައި ސުޕްރީމްކޯޓުގެ އަމުރު ނެރުނު ދުވަހު ރާއްޖޭގެ ސަރަހައްދުގައި އިންޑިއާގެ ދެ މަނަވަރު ތައްޔާރީ ހާލަތުގައި އޮތެވެ. އާންމުގޮތެއްގައި އަސްކަރީ މިފަދަ މަނަވަރުތައް ދިވެހި ކަނޑުގެ ސަރަހައްދަށް ވަންނަން ހުއްދަ ދެނީ ދިވެހި ސިފައިންނަމަވެސް އެ ދުވަހު އެ ދެ މަނަވަރު ރާއްޖެ ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތިއެވެ. 3 ދުވަސް ވަނދެން މި ދެ މަނަވަރު ރާއްޖެ ސަރަހައްދުގައި އޮތެވެ. މި އޮޕަރޭޝާނާއި ގުޅޭ ގޮތުން ހަދާފައިވާ ގުރޫޕްގެ ޗެޓް ލޮގްތައް ހުރި އިރު އެ ޗެޓްލޮގްތައް ކުރިއަށް ހުރި ރިޕޯޓްތަކުގައި ގެނެސްދެމުންދާނަމެވެ.

އެސްބީއައި މެދުވެރިކޮށް ފަނޑިޔާރުންނަށް ލޯނު!

އެނގިފައިވާ ގޮތުގައި ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމަށް ބޭނުންކޮށްފައިވަނީ ސްޓޭޓްބޭންކް އޮފް އިންޑިއާއެވެ. ނަމަވެސް އެ ބޭންކުން މި ތުހުމަތު ދޮގު ކުރެއެވެ. މި ތުހުމަތާއި ގުޅޭ ގޮތުން ހޯދުނު ހޯދުން ތަކުން އެނގޭ ގޮތުގައި ސުޕްރީމް ކޯޓުގެ އޭރުގެ ދެ ފަނޑިޔާރަކަށް އެސްބިއައި މެދުވެރިކޮށްވަނީ ބޮޑެތި އަދަދުތަކުން ލޯނުގެ ގޮތުގައި ފައިސާ ދީފައެވެ. ލިޔެކިއުމުން މިއީ ލޯނެއްކަން އެނގުން ފިޔަވާ އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެނގޭކަށްނެތެވެ. އަދި މިލޯނުތައް ދޫކޮށްފައިވަނީ ވެސް އެބޭންކުގެ ލޯނު ދިނުމާއި ގުޅޭ އުސޫލުތަކާއި މުޅިން ހިލާފަށެވެ.

ހުކުމްތަންފީޒުކުރަން އެދި 3 ސިޓީއެއް !

އެކެއް ފެބްރުއަރީގެ އަމުރުގެ ކަންކަން އިދިކޮޅު ކޯލިޝަންގެ ވެރިންނާއި އެކު ކުރިއަށް ގެންދިއުމަށް އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝާނަރު ހަމަޖެއްސެވީ އެންބަސީގައި މަސައްކަތް ކުރައްވާ ރޯހިތު ކިޔާ ބޭފުޅެކެވެ. މި އަމުރު ނެރުމުގައި އެންމެ އިސްދައުރެއް އަދާ ކުރީ ރޯހިތުއެވެ.ރޯހިތަކީ ރާއްޖޭގައި ހުންނަ ރޯގެ ފޯކަލްޕޮއިންޓެވެ. އެގޮތުން އަމުރު ނުކުތުމާއި އެކު ތިން ފަހަރެއްގެ މަތިން ކޯޓުއަމުރު ތަންފީޒު ކުރަން އެދި ސިޓީ ފޮނުވިއެވެ. އަދި އިންޑިއާގެ ސީދާ ނުފޫޒާއި އެކު އެގްރީމަންޓެއް ހިފައިގެން އޭރުގެ ސަރުކާގެ އިސްވެރިންގެ އަރިހަށް އެމެރިކާގެ އިސް އޮފިޝަލުންވެސް ވަނީ ގޮސްފައެވެ. މީގެ އިތުރުން އަމުރާއި ގުޅިގެން އިންޑިއާގެ އިސް އޮފިޝަލުންތަކެއް މާލެއައިސް އެ ބޭފުޅުންނާއި އެކު ޓީވީ އަށް އަރައިވަޑައިގެން އެ އަމުރު ތަންފީޒުކުރަން އެއްބަސްވުމަށް ރައީސް ޔާމީނަށް ޕްރެޝަރުކުރިއެވެ.

މިއަމުރާއި ގުޅޭ މުހިންމު މައުލޫމާތު އަލީ ވަހީދު އަތުގައި 

އެކެއް ފެބްރުއަރީގެ އަމުރު ނެރުމަށް ތައްޔާރުވަމުންދިޔައިރު, އިދިކޮޅު ކޯލިޝަނަށްވެސް އަދި އިންޑިއާގެ ކްރެކް އޮޕަރޭޝަން ކުރިއަށް ގެންދިޔަ ބޭފުޅުންނަށްވެސް ހީވެފައި އޮތީ ރައީސް ޔާމީން ގޮތް ހުސްވެ އިސްތިއުފާދޭނެކަމެވެ. ނަމަވެސް އެކަން އެގޮތައް ނުހިނގާ މުޅި ރޭވުން ފްލޮޕް ވީއެވެ. “ މިއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީހެއްގެ ގާތުގައި ބުނެފައިވާ ބަސްކޮޅެކެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުން އަލީ ވަހީދަށް ވާހަކަ ދެއްކުމުގެ ފުރުޝަތު ހަނިކޮށް އޭނާ ހައްޔަރުކޮށްގެން ގެންގުޅެނީ މިފަދަ އޮޕަރޭޝަން ތަކުގެ މައުލޫމާތު އޭނާ އަށް އެނގޭތީއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދު ޔޫކޭގައި ހައްޔަރު ކުރުމުގެ ކުރިން ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުމުގައި މި އަމުރާއި ގުޅޭ ގިނަ ވާހަކަތައް ހިއްސާ ކުރުމަށް ތައްޔާރުވެވަޑައިގަތެވެ.ނަމަވެސް އޭގެ ކުރިން ސަރުކާރުން ސީދާ އަންގައިގެން އޭނާ ޔޫކޭގައި ހައްޔަރު ކުރީއެވެ.

7 Comments

  1. ވަރަށް ފުރިހަމަ ލިޔުމެއް. ބޮންތިން ދެން ހޯއްދަވައިދެއްވަންވީ 2018 ގެ ރިޔާސީ އިންތިޚާބު އެއިރުގެ އިދިކޮޅު ފަރާތްތަކުން ވަގަށްނެގި ގޮތެވެ.

Leave a Reply to ނުރަބޯ Cancel reply

Your email address will not be published. Required fields are marked *

Back to top button