ޚަބަރު

މާލެ ސިޓީ ޑިޖިޓަލް ޕޯޓަލް ”މާވެހި“ އިފްތިތާހުކޮށްފި

މާލެ ސިޓީގެ ޑިޖިޓަލް ޕޯޓަލް ”މާވެހި“ އިފްތިތާހުކޮށްފިއެވެ.

މިރޭ ކުރިއަށްދިޔަ މާލެ ސިޓީ ކައުންސިލުގެ ރައްޔިތުންގެ ބައްދަލުވުމުގައި, މާވެހި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒުއެވެ. މި ޕޯޓަލް އަކީ މާލެގެ ރައްޔިތުނަށް މާލެ ސިޓީ ކައުންސިލުންދޭ ބައެއް ހިދުމަތްތައް އޮންލައިންކޮށް ލިބޭގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ.

މި ޕޯޓަލްގެ އިފްތިތާހީ ވީޑިއޯގައި ބުނެފައިވާ ގޮތުގައި މި ޕޯޓަލް ވެގެންދާނީ ރައްޔިތުންގެ ހާސްކަމާއި ފިކުރުބޮޑުވުން ކުޑަކޮށްދީ ވަގުތު ސަލާމަތްކޮށްދޭނެ ހިދުމަތެއް ކަމަށެވެ. އަދި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެވެސް މި ޕޯޓަލް މެދުވެރިކޮށް ކައުންސިލުންދޭ ޙިދުމަތް ލިބިގަނެވޭނެ ކަމަށާއި, އެދޭ ކޮންމެ ހިދުމަތެއްގެވެސް ވާނުވާ ބަރާބަރަށް އަދާހަމަވާނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ހާއްސަ ހާލަތެއް މެދުވެރިވުމުން ކަންކުރާންވީގޮތުގެ އޮޅުމެއް ނާރާނެ ކަމަށާއި, ކޮންމެ ރައްޔިތަކަށް ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު މި ޙިދުމަތުގެ ބޭނުން ކުރެވޭނެކަން ވަނީ ފާހަގަކޮށްފައެެވެ. މި ވީޑިއޯގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މި ޕޯޓަލްގެ މެދުވެރިކޮށް ކައުންސިލުންދޭ ތަފާތު 80 ހިދުމަތުގެ 90 އިންސައްތަ ޙިދުމަތް ޑިޖިޓަލްކޮށް ލިބިގެންދާނެއެވެ.

މާވެހި ޕޯޓަލް އަކީ މާލެސިޓީ ކައުންސިލް ޑިޖިޓަލައިޒް ކުރުމަށް މޭޔަރ މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފްކުރެވުނު ހިދުމަތެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button