ރައީސް ސޯލިހު ފަނޑިޔާރުންނަކަށް ނުފޫޒެއް ނުފޯރުވާނެ: ނަޝީދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ އެއްވެސް މެމްބަރަކު ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށް ފުރިހަމަ އިތުބާރު އެބައޮތްކަމުގައެވެ. ނަމަވެސް އެމްޑީޕީ ފިޔަވާ އެހެން ޕާޓީތަކުގެ މެންބަރުންނަށް އެމަނިކުފާނު އިތުބާރު ނުކުރައްވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށްް ވިދަޅުވީ އެހެން ޕާޓީތަކުގެ މެމްބަރުން ފަނޑިޔާރުންނަށް ގުޅައިގެން އުޅުމަކީ އެބޭފުޅުން ގެންގުޅޭ ނިޒާމަކަށް ވެދާނެ ކަމަށާއި އެހެނަމަވެސް އެމްޑިޕީގެ އެއްވެސް މެންބަރަކު އަދި ހާއްސަކޮށް ރައީސް ސޯލިހު ފަނޑިޔާރުންނަށް ނުގުޅުއްވާނެކަމުގައެވެ.
ނަޝީދު ވިދާޅުވިގޮތުގައި ޝަރިއަތްތަކަށް ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެކަމެއްނޫންކަމުގައެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ކުރީގެ ބައެއް ފަނޑިޔާރުން އަންނަނީ ބުނަމުންނެވެ. އަދި ދާދިފަހުން ލީކުވެފައިވާ އޯޑިއޯތަކުން ވެސް ސަރުކާރުން ކޯޓުތަކަށް ނުފޫޒުފޯރުވާކަމަށް ބައެއް ގާޒީން ވަނީ ބުނެފައެވެ.