އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމަށް އެންގީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓް ވަޒީރެއްކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެގެން ދިޔައީ ކުރީގެ ފަނޑިޔާރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައިލަމް އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އާއި ދެމެދު ޔާމީންގެ ޝަރީއަތުގެ ކަންކަމާ ގުޅޭ ފޯނު ކޯލެއް ހިނގި ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބު ވިދާޅުވުމާ ގުޅިގެން ހައިލަމް ކުރެއްވި ޓުވީޓަކުންނެވެ.
ހައިލަމް ވިދާޅުވީ ސަރުކާރުގެ އެއްވެސް ބޭފުޅަކާ ޑީލެއް ނަހައްދަވާ ކަމަށާއި އޭނާގެ މަގާމު ގެއްލުވާލީ ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މެދުގައި ހެދިފައިވާ ވައިބާ ގްރޫޕުގައި ހިއްސާކުރި ފޮޓޯއެއްގެ ސަބަބުން ކަމުގައެވެ.
”އޭގެ އިތުރުން އަޅުގަނޑަށް ސަރުކާރުގެ ވަޒީރަކު ރައީސް ޔާމީނަށް ހުކުމް ކުރުމަށް އަންގައި ޓެލެގްރާމް ސީކްރެޓް ޗެޓެއްގައި މެސެޖު ކުރި.“ ހައިލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މެސެޖަށް ޖަވާބު ނުދެއްވާ ކަމުގައެވެ. އެކަމަކު އެއީ ކޮން ވަޒީރެއްކަން ހައިލަމް ހާމައެއް ނުކުރައްވައެވެ.
ހައިލަމް އާއި ގުޅުވައި ހަސަން ނަޖީބް އިއްޔެ ވިދާޅުވީ ހައިލަމް އެެއްދުވަހު ނަޖީބުގެ ކޮޓަރިއަށް ވަޑައިގަތްކަމަށެވެ. އަދި އުސްތާޒް ހައިލަމް ގާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސުއޫދު އައްޔަން ކުރަން އުޅޭ ކަމަށް ހަބަރު ފެތުރޭކަމަށް ވިދާޅުވުމުން ހައިލަމް ވަގުތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަށް ގުޅުއްވިކަމަށެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން އަލީ ޒާހިރު އަނެއްކާ ހައިލަމް އަށް ގުޅުއްވިކަމަށެވެ. އަދި ހައިލަމް ފޯނު ސްޕީކަރަށްލި ކަމަށާއި ލައްވާފައި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި ގުޅޭގޮތުން ސުވާލު ކުރެއްވި ކަމަށެވެ.
“އަލިޕީ އޭ މިއީ ކޮން ވާހަކައެއްހޭ މިދެއްކެނީ. އެކޮޅުންވާހަކަ ދައްކަނީ އަލީ ޒާހިރު. އަލީ ޒާހިރު ދެންނެވީ ކިހިނެއްވީތޯ އޭ. ހުސްނުއް ސުއޫދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އައްޔަން އެބަކުރޭ ނޫންހޭ. ލާހިކައެއް ނޫނޭ އެއްވެސް ކަމެއް ތިމަންނަގެ ފަރާތުން ވާކަށް.” ހައިލަމް ވިދާޅުވި ކަމަށް ނަޖީބު ވިދާޅުވިއެވެ.
ހައިލަމް އެހެން ވިދާޅުވުމާއެކު ހައިލަމް ހާސް ނުވުމަށާއި ހައިލަމް އަށް ސުޕްރީމް ކޯޓުން ޖާގަ ކަށަވަރު ވެފައިވާ ކަމަށް ހައިލަމް ގާތު އަލީ ޒާހިރު ވިދާޅުވި ކަމަށް ނަޖީބު ވިދާޅުވިއެވެ.
ނަޖީބު އިތުރަށް ވިދާޅުވީ އެމަނިކުފާނު އެ ހައްދަވަނީ ތެދު ކަމަށާއި އެކަމަށް މާތްﷲ ހެކި ކުރާ ކަމުގައެވެ.
އެކަމަކު ހައިލަމް ވަނީ އެކަން ދޮގު ކުރެއްވުމުގެ ގޮތުން ޓުވީޓެއް ކުރައްވާފައެވެ.
ހައިލަމް ވިދާޅުވީ ޔާމީންގެ ޝަރީއަތާމެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން، ނަޖީބް އޭނާ އާއި ބެހޭގޮތުން ދެއްކެވީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމުގައެވެ.
”ނަޖީބަކީ، ވަޒީފާ ކަށަވަރުކަމަށްޓަކައި އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ޖަލަށް ލުމަށް އަޅުގަނޑު ގާތު އެދުނު ބޭފުޅެއް.“ ހައިލަމް ވިދާޅުވިއެވެ.
ރ. ޔާމީންގެ ޝަރީޢަތާމެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން، ކުރީގެ ޤާޟީ ނަޖީބް އަޅުގަނޑާ ބެހޭގޮތުން ދެއްކެވި ޙަޤީޤަތާ ޚިލާފު ވާހަކަތައް ކުށްވެރިކުރަން. ނަޖީބަކީ، ވަޒީފާގެ ކަށަވަރުކަމަށްޓަކައި އެމްޑީޕީއާ ގުޅިގެން ރ. ޔާމީން ޖަލަށް ލުމަށް އަޅުގަނޑު ގާތު އެދުނު ބޭފުޅެއް. أقسم بالله! https://t.co/SlB0ORYcYU
— Ahmed Hailam (@AhmedHailam) September 4, 2021