އިތުރު ފަރުވާއަށް ނަޝީދު ޖަރުމަނަށް

މަޖލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް އޭޑީކޭއިން ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާވަޑައިގަނަންވައިފިއެވެ.
ރައީސް ނަޝީދު ޖަރުމަނަށް ފުރާވަޑަައިގެންނެވީ މިއަދުގެ ހެދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނު އެއަރޕޯޓަށް ގެންދެވުނީ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްގެނެވެ. ނަޝީދު ފުރާވަޑައިގެންނެވީ ޖަރުމަނުން ފޮނުވި ޖެޓެއްގައެވެ. ބޭސްފަރުވާގެ ހަރަދު ކުރާނީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ކްރިސްޓިއަން ވޮން ސްޓެޓެން ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދު ވަނީ ބުނެފައެވެ.
ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ގިނަ އަނިޔާތަކެއް ލިބުނެވެ. އޭޑީކޭއިން ވަނީ ނަޝީދުގެ 4 އޮޕަރޭޝަނެއް ކޮށްފައެވެ. އެ ހޮސްޕިޓަލުން ބުނާގޮތުގައި އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރެވުނީ ވަރަށް މަސައްކަތުންނެވެ.
ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު ( ސާބެ ) އާއި، ނަޝީދުގެ ދެބެންގެދަރި އަންހެނެއް ޖަރުމަނަށް ދިޔަކަމަށް މައުލޫމާތު ލިބެއެވެ.
މި ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. ކްރިމިނަލް ކޯޓުން އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.