ޚަބަރުސިޔާސީ

ރައީސް ޔާމީނަށް އިއްވާފައިވަނީ އަދުލުވެރި ހުކުމެއް ނޫން: ހަސަން ނަޖީބު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަށް ކޮށްފައި ވަނީ އަދުލުވެރި ހުކުމެއް ނޫން ކަމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބު ވިދާޅުވެއްޖެއެވެ.

އުސްތާޒް ނަޖީބް މިފަދައިން ވިދާޅުވީ ކުރީގެ ފަނޑިޔާރުންނާއި ބައެއް ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުސްތާޒް ނަޖީބް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރު، އުސްތާޒް ހައިލަމް އެެއްދުވަހު ނަޖީބުގެ ކޮޓަރިއަށް ވަޑައިގަތްކަމަށެވެ. އަދި އުސްތާޒް ހައިލަމް ގާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސުއޫދު އައްޔަން ކުރަން އުޅޭ ކަމަށް ހަބަރު ފެތުރޭކަމަށް ވިދާޅުވުމުން ހައިލަމް ވަގުތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަށް ގުޅުއްވިކަމަށެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން އަލީ ޒާހިރު އަނެއްކާ ހައިލަމް އަށް ގުޅުއްވިކަމަށެވެ. އަދި ހައިލަމް ފޯނު ސްޕީކަރަށްލި ކަމަށާއި ލައްވާފައި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި ގުޅޭގޮތުން ސުވާލު ކުރެއްވި ކަމަށެވެ.

”އަލިޕީ އޭ މިއީ ކޮން ވާހަކައެއްހޭ މިދެއްކެނީ. އެކޮޅުންވާހަކަ ދައްކަނީ އަލީ ޒާހިރު. އަލީ ޒާހިރު ދެންނެވީ ކިހިނެއްވީތޯ އޭ. ހުސްނުއް ސުއޫދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އައްޔަން އެބަކުރޭ ނޫންހޭ. ލާހިކައެއް ނޫނޭ އެއްވެސް ކަމެއް ތިމަންނަގެ ފަރާތުން ވާކަށް.“ ހައިލަމް ވިދާޅުވި ކަމަށް ނަޖީބު ވިދާޅުވިއެވެ.

ހައިލަމް އެހެން ވިދާޅުވުމާއެކު ހައިލަމް ހާސް ނުވުމަށާއި ހައިލަމް އަށް ސުޕްރީމް ކޯޓުން ޖާގަ ކަށަވަރު ވެފައިވާ ކަމަށް ހައިލަމް ގާތު އަލީ ޒާހިރު ވިދާޅުވި ކަމަށް ނަޖީބު ވިދާޅުވިއެވެ.

ނަޖީބު އިތުރަށް ވިދާޅުވީ އެމަނިކުފާނު އެ ހައްދަވަނީ ތެދު ކަމަށާއި އެކަމަށް މާތްﷲ ހެކި ކުރާ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button