ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު (އަލީޕީ) ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް ގުޅުއްވިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ކުރީގެ ބައެއް ފަނޑިޔާރުންނާއި ބައެއް ގާނޫނީ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އުސްތާޒް ޝުޖާއު ވިދާޅުވީ އެކި އެކި މައްސަލަތަކާއި ގުޅޭގޮތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ގުޅުއްވާ ހަދާކަމުގައެވެ.
އުސްތާޒް ޝުޖާއު އިތުރަށް ވިދާޅުވީ އަލީ ޒާހިރުގެ ގާތް ބޭބޭފުޅުންގެ މައްސަލަތަށް ވަކި ގޮތަކަށް ނިންމެވުން މުހިއްމުކަމުގައި އަލީ ޒާހިރު ވިދާޅުވިކަމުގައެވެ. އަދި ސިޔާސީ މައްސަލަތަކާއި ގިނަ އަދަދުގެ ފައިސާ އާއި ގުޅޭ މައްސަލަތަކުގައި އަލީ ޒާހިރު ވަރަށް ގިނައިން ގުޅުއްވާ ހަދާކަމުގައެވެ.
އުސްތާޒް ޝުޖާއު މިފަދައިން ވިދާޅުވެފައި މިވަނީ ޝަރުއީ ނިޒާމަށް އަލީ ޒާހިރު މެދުވެރިކޮށް ސަރުކާރުން އަތް ”ބާނާ“ ކަމުގައި ގިނަ ބަޔަކު ތުހުމަތު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.