ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އޭރު ހުންނެވި ޝުޖާއު އުސްމާން ވިދާޅުވެއްޖެއެވެ.
ކުރީގައި ފަނޑިޔާރުކަން ކޮށްފައި ތިއްބެވި ބައެއް ބޭފުޅުންނާއި ބައެއް ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އުސްތާޒް ޝުޖާއު ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމްނިކުފާނުގެ ސުލޫކީ މައްސަލަތަށް ބަލަން ފެށީވެސް ވެސް ރައީސް ޔާމީންގެ މައްސަލަ ހުށަހެޅުއްވި ފަހުންނެވެ.
”ޔާމީންގެ މައްސަލަ ހައި ކޯޓަށް ހުށަހެޅުނުއިރު އަޅުގަނޑަކީ ހައި ކޯޓުގެ އިސް ފަނޑިޔާރު. މި މައްސަލަ ހުށަހެޅި ފަހުން ދުވާލު ދެ ފަހަރު މަތިން އަޅުގަނޑު ޖުޑިޝަލް ސާވިސް ކޮމިޝަނަށް ގެންދަން ފަށައިފި. އަބަދުވެސް ކޮންމެވެސް ސުލޫކީ ކަމެއްގައި.“ އުސްތާޒް ޝުޖާއު ވިދާޅުވިއެވެ.
އުސްތާޒް ޝުޖާއު ވަނީ ޖޭއެސްސީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޖޭއެސްސީއަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ބަޔާން ކޮށްފައި އޮތަސް އެއީ ”ސިޔާސީ“ މުއައްސަސާއެއްގެ ގޮތުގައި އުސްތާޒް ޝުޖާއު ވަނީ ސިފަކުރައްވާފައެވެ.