
ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ހުކުރު ހުތުބާ ސިޔާސީ ކުރަމުން ދާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ރޭ އިދިކޮޅުން ބޭއްްވި ”އައްޑަނަ“ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝިޔާމް މިބީދައިން ވާހަކަ ދައްކަވާފައިވަނީ ހުކުރު ހުތުބާގައި ދިވެހި ރައްޔިތުންނަކީ މަކަރާ ހީލަތުން ސަލާން ޖަހާ ބައެއް ކަމުގައި ސިފަ ކުރުމުންނެވެ. ޝިޔާމް ސިފަކުރެއްވި ގޮތުގައި މިބީދައިން މިވާހަކަ ދައްކަވާފައިވަނީ ސަރުކާރުން ރައްޔިތުންނަށް ޖައްސާފައިވާ ދަތި ހާލު ފޮރުވުމުގެ ގޮތުންނެވެ.
މީގެ އިތުރުން ޝިޔާމްވަނީ ކޯވިޑް-19 ގެ ހާލަތުގެ ތެރޭގައި ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް އާމްދަނީ ނުލިބޭގޮތަށް ރަށަށް ފޮނުވާލުމުން އެކަން ކުށްވެރި ކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ބިނާކުރެއްވި ބައެއް ތަންތަނުން، ބަދަލު ހިފުމުގެ ރޫހުގައި އެތަންތަނުގެ ހިދުމަތްތައް ދޯހަޅިކުރަމުން ދާކަމަށް ޝިޔާމް ވިދާޅުވިއެވެ.
އިދިކޮޅުން ރޭ ބޭއްވި ބޮޑު ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. އަދި މިޖަލްސާގައި ވާހަކަ ދެއްކެވި އިދިކޮޅު ކޯލިޝަންގެ އިސް ލީޑަރުން ވަނީ ރައީސް ޔާމީން ޖަލުން ދޫކޮށްލުމަށް ގޮވާލާއްވާފައެވެ.