ޚަބަރުސިޔާސީ

ގާސިމް ޕީޕީއެމްގެ އިސް ސަފު ކިލަނބު ކޮށްލަން އުޅޭ ކަމުގެ ބޮޑެތި ތުހުމަތު ތަކެެއް!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިދިކޮޅު ޕީޕީއެމް ކިލަނބު ކޮށްލަން އުޅޭ ކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“ އަށް ލިބިއްޖެއެވެ.

އެގޮތުން ޕީޕީއެމް ޕީއެންސީގެ ސަފުތައް ބަލިކަށި ކުރުމަށް އެ ދެ ޕާޓީގެ ގިނަ ލީޑަރުންނާ ގާސިމް ބައްދަލު ކުރައްވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި މައްސަލައިގައި ނަން ނުޖެހުމަށް ޝަރުތުކޮށް 3 ފަރާތަކުން ”ބޮންތި“ އަށް ކިޔައިދިން ގޮތުގައި ގާސިމް އިސްވެ ހުންނަވައި އިދިކޮޅު އިސް ބޭފުޅުންނަށް ތަފާތު ހުށަހެޅުންތައް ހުށަހަޅައިގެން މަސައްކަތް ކުރައްވަމުން ގެންދަނީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސިޔާސީ މުސްތަގުބަލު ކިލަނބު ކުރުމަށެވެ.

”ޣައްސާނު މައުމޫން ރައީސް ކަމަށާއި ކުރީގެ މެމްބަރު އިލްހާމުގެ ޕެއަރ އަކަށް ވެސް ވަނީ ވާހަކަ ދައްކާފައި. މި ހިންގާ ޖަރީމާ އަކީ ސަރުކާރު ކޯލިޝަން ތެރެއިން އެކިއެކި ޕާޓީތަަކަށް ދީފައިވާ ޓާސްކު ތަކުގެ ތެރެއިންހިމެނޭކަމެއް. ފައިސާ ބޭނުންވާ ފަރާތްތަކަށް އެތި ކޮޅުކޮޅު މަތިން ކުދި އަދަދުތަކުން ފައިސާގެ އެހީތެރިކަން ކުރިޔަށް އޮތްތަނުގައި ފޯރު ކޮށްދޭނެ ކަމަށް ވެސް ބުނެފައިވޭ.“ ޖޭޕީ ތެރެއިން މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ބޭނުން ނަމަ، އެގްރީމަންޓަކާއި އެކު ޑޭޓެޑް ޗެކު ބާއްވާފައި ޕީޕީއެމް ޕީއެންސީގެ އިސް މެމްބަރުންނަށް ފައިސާ ދޭން ގާސިމް އޮތީ ނިންމަވާފައެވެ.

ޖޭޕީގެ ނެގޯޝީއޭޓަރަކު ކިޔައިދިން ގޮތުގައި އިދިކޮޅު އިސް ބަޔަކަށް މިހާރުވެސް އެކި އަދަދު ތަކުން ފައިސާގެ އެހީތެރިކަން ފޯރު ކޮށްދީފައިވެއެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާނު މައުމޫން ރިޔާސީ ރޭހަށް ނެރެން ގާސިމް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެއީ ގާސިމްގެ ހެޔޮ ނިޔަތެއް އޮވެގެން ކުރާ ކަމެއް ނޫންކަމާއި، ފަހު ވަގުތު ޣައްސާނަށްވެސް އޮޅުވާލާނެކަމަށް އޭނާ ބުނެފައިވެއެވެ. އެހެން ނަމަވެސް ޣައްސާނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެއްވެސް ސަބަބަކާއި ހުރެ ނުލިބިއްޖެ ނަމަ، ގާސިމްގެ ރަނިންމޭޓަކަށް ޣައްސާން ހެދުމަށް މަސައްކަތް ކޮށްފާނެ ކަން އޭނާ ފާހަގަކުރިއެވެ.

”ޣައްސާނުގެ ފަހަތުގައިވެސް މީސްކޮޅެއް އޮންނާނެ ތާދޯ. އެކަމަކު މީގެން ޣައްސާން ސަލާމަތް ނުކޮށްފިނަމަ އޭނާގެ ދުވަސް ދުއްވާލާނެ.“ އޭނާ ކިޔާދިނެވެ.

މިކަމާ ގުޅިގެން ގާސިމްގެ ބަހެއް ލިބޭތޯ ”ބޮންތި“ އިން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button