އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ތެރޭގައި ރިޔާސީ ޓިކެޓާ ހެދި ބޫތު ކައިފަ ތިބި ބަޔަކު ނެތްކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދަށް ރައްދު ދެއްވައިފިއެވެ.
މުހައްމަދު އިސްމާއިލް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ދޭތެރެޖައްސާ ފަލްސަފާ އާއި ފިތުނަ އުފެއްދުމުގެ ތެރެއިން އިދިކޮޅު މެމްބަރުންގެ ހިތްތައް ކިލަނބު ކުރުމަށް އިލްހާމް ކުރެއްވި ކަންތައްތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމުގައެވެ.
އަޅުގަނޑުމެންގެ ދެ ޕާޓީގެ އެންމެ މުހިންމު އެއް މަސައްކަތަކީ މި ނާގާބިލު ކޯލިޝަން ސަރުކާރުގެ ނުފޫޒާއި އެކު ނުހައްގުން ޖަލުގައި ރަހީނު ކޮށްފައިވާ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި މި ސަރުކާރުގެ ފުށުން ރައްޔިތުންނަށް ލިބެމުންދާ އަނިޔާ ތަކުން ސަލާމަތް ކުރުމަށް ސިޔާސީ ގޮތުން ކުރެވެން ހުރި މަސައްކަތްތައް ކުރުން. މުހައްމަދު ވިދާޅުވިއެވެ.
މުހައްމަދު ވިދާޅުވިގޮތުގައި މެންބަރު އިލްހާމް ދައްކަވާ ވާހަކައަކުން އިދިކޮޅު ޕާޓީތަކުގެ މެމްބަރުންގެ އަޒުމަކަށް ބަދަލެއް ނާންނާނެއެވެ. އެގޮތުން އިދިކޮޅަކީ ގޯސް ކަންކަމަކީ ގޯސް ކަން ގަބޫލުކޮށް، ގޯހާ ދުރަށް ދާން އަބަދުވެސް މަސައްކަތް ކުރާ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”މިދެ ޕާޓީން ގަބޫލު ކުރަނީ ރައީސް ޔާމީން މި ކޯލިޝަން ސަރުކާރުން ނުހައްގުން ގައިދު ކޮށްފައި ހުރި ކަމަށް. މި ދެ ޕާޓީއަށް މި ގައުމާއި، ގައުމުގެ އަސާސްތައް މުހިންމުވާނެ. އިސްލާމް ދީނާއި ދިވެހިންގެ މިނިވަންކަން މުހިންމު ވާނެ.“
މުހައްމަދު އިސްމާއިލް މެންބަރު އިލްހާމަށް ރައްދު ދެއްވީ ޖޭޕީ އިން ބޭއްވި ބައްދަލުވުމެއްގައި އިދިކޮޅު ލީޑާޝިޕަށް އިލްހާމް ފާޑުވިދާޅުވުމާ ގުޅިގެންނެވެ. އިލްހާމް ވިދާޅުވިގޮތުގައި އިދިކޮޅުގައި ތިބި އިސް ބޭފުޅުން ވިދާޅުވާ އެއްޗަކަށްވުރެ އޭނާ ދައްކަވާ ވާހަކަ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ގަބޫލު ކުރައްވައެވެ. އެހެން ނަމަވެސް މުހައްމަދު އިސްމާއިލް ވަނީ އެކަން ދޮގު ކުރައްވާފައެވެ.