ޚަބަރު

ފުވައްމުލައް ސިޓީ ކާޑަށް ޖެހިއްޖެ

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހަރުދަނާ އުސޫލެއްގެ ދަށުން ކާޑު ފޯރުކޮށް ނުދެވުމުގެ ސަބަބުން ފުވައްމުލައް ސިޓީގެ ރައްޔިތުން ކާޑަށް ޖެހިއްޖެއެވެ.

އެސްޓީއޯ މެދުވެރިކޮށް ފުވައްމުލަކުގައި ކާޑުގެ ބާވަތްތައް ވިއްކާ 4 އެޖެންޓުން ތިބޭއިރު، 13،000 މީހުންގެ އާބާދީއަށް ބޭނުންވާ ވަރަށް ހަނޑޫ، ހަކުރު އަދި ފުށް ފޯރުކޮށް ނުދެވޭކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ. އަދި އެޖެންޓުން އަތުން ކާޑުގެ ބާވަތްތައް ގަނެގެން އާންމުންނަށް ވިއްކާ ފިހާރަތަކުން ކާޑުގެ ބާވަތްތައް ވަނީ ހުސްވެފައެވެ. މިކަން ދިމާވާން މެދުވެރިވި ސަބަބެއްގެ ގޮތުގައި އެ ރަށުން ”ބޮންތި“ އާއި ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެޖެންޓުން ވަގަށް ރިސޯޓުތަކަށާއި، އެމީހުނާ ގާތް ގުޅުމެއް އޮންނަ ފަރާތްތަކަށް ކާޑުގެ ބާވަތްތައް ވިއްކާ ކަމުގައެވެ.

”އާންމުންނަށް ބޭނުންވާ މިންވަރަކަށް ކާޑެއް ނެތް. ދެން އޮތީ އެސްޓީއޯ. އެއީ ސަރުކާރު. ސަރުކާރުން އެބަޖެހޭ އެޖެންޓުން ހަދާ ނަހަދާ ބަލަން. ރަށުން ކާޑު ހުސްވުމުން ސަރުކާރުގެ ޒިންމާއެއް އެކަން ހައްލު ކުރުމަކީ.“ އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެނގިފައިވާގޮތުގައި މާލޭގައި މިވަގުތު އޮތް ފުވައްމުލަކު ދެ ކަނޑު ބޯޓަކަށް ކާޑުގެ ބާވަތްތައް ވަނީ އަރުވާފައެވެ. އެކަމަކު ބޯޓުތައް ފުރާ ދުވަހެއް އަދި ނޭނގެއެވެ. މީގެ އިތުރުން އެ ރަށުގެ ބައެއް ފިހާރަތަކާއި ހަވާލާދީ ”ބޮންތި“ އަށް މައުލޫމާތު ދިން ބައެއް މީހުން ބުނިގޮތުގައި ކާޑުގެ ބާވަތްތައް ލިބޭނެ ދުވަހެއް ނޭނގެއެވެ. އެހެން ނަމަވެސް މިރޭގެ ވަގުތެއްގައި އެކަން ހަމަޖެހޭނެ ކަަމަށް ނުރަސްމީ މަސްދަރުތަކުން ރަށުގެ ބައެއް އާންމުންނަށް މައުލޫމާތު ދީފައިވާކަމަށް ”ބޮންތި“ އާއި ވާހަކަ ދެއްކި މީހުން ބުނެއެވެ.

”މިރޭ ލިބެޔޯ. އައްޑު ކޮޅުން ގެންނަ ވާހަކައެއްވެސް އެބަ ދައްކާ. އެކަމަކު ސީދާ ލިބޭގޮތެއް ނުބުނާތީ އެކަންވެސް ޔަގީނެއް ނުން.“ އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކާޑުގެ އާ ޝިޕްމެންޓެއް އެސްޓީއޯ އިން މިހާރު ފުވައްމުލަކަށް ފޮނުވާފައިވާކަމަށް އަޑުތައް ފެތުރުނު ނަމަވެސް ކާޑުގެ ބާވަތްތައް އެރަށުގައި ވިއްކާ ފަރާތްތަކުން ބުނާގޮތުގައި އެމީހުނަށް އެކަމެއް ނޭނގެއެވެ. އަދި ފުވައްމުލަކު ރައްޔިތުން ކާޑަށް ނުޖެހޭ ކަމަށް އެ ރަށުގެ ކައުންސިލް މެންބަރުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރި ނަމަވެސް އެކަން ގަބޫލު ކުރާނެ ރައްޔިތަކު ނުހުންނާނެ ކަމަށް އެ ރަށުން ”ބޮންތި“ އާއި ވާހަކަ ދެއްކި 4 މީހަކު ވަނީ އިއްތިފާގު ވެފައެވެ.

ފުވައްމުލަކު ރައްޔިތުން ކާޑުގެ ބާވަތަށް ޖެހިފައިވާއިރު، އެ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އެކަން ދޮގު ކުރެެއްވުމުން، އެރަށުގެ ބައެއް އާންމުން ވަނީ މިއުވާނަށް މަލާމާތުގެ ބަސް ރައްދުކޮށް ފާޑުކިޔާފައެވެ.

”ތަރުޖަމާނު މި މަސައްކަތްކުރަނީ ސަރުކާރު ދިފާއުކުރަން. ބަލަ އޭނަގެ ރަށުގެ ރައްޔިތުން ތިބީ ބަނޑަށޭ.“ މިއުވާން ދެކެ ހިތްހަމަ ނުޖެހޭ މީހަކު ބުންޏެވެ.

ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގު ރާއްޖޭގައި ނޫޅުއްވާތީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ވަނީ ލިބޭގޮތް ނުވެފައެވެ. އަދި އެސްޓީއޯގެ ރަސްމީ ބަހެއް ހޯދުމަށް ”ބޮންތި“ އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

 

 

 

One Comment

  1. ނޫނޭ. ތިޔަތިބީ ރައްޔިތުން ދެކެ ލޯބިން މަރުވާވަރުގެ ބަޔަކަށް ވެރިކަމާ ކައުންސިލާ ރ. މަޖްލިހުގެ މެންބަރުކަމާ ދީގެންނު ދެން ކުރާނެ ކަމެއް ނެތް ކެތްކޮށްގެން ތިބުންނޫނީ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button