ފަނޑިޔާރުންގެ އޯޑިއޯގެ މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތުގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކުރުމަށް ހުށަހެޅި މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފި އެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން ނެގި ވޯޓުގައި އެ މައްސަަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ހަތް މެމްބަރުން ނެވެ. ނުފެންނަކަމަށް 20 މެމްބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯތް ނުދެއްވާ 27 މެންބަރުން ތިއްބެވިއެވެ.
މައްސަލަ ހުށަހަޅުއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވިކަން އެމަނިކުފާނަށް ހުކުމް ކުރި ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯތަކުން ހާމަވާކަމަށެވެ. މީގެ އިތުރުން ފަނޑިޔާރުން ހުކުމް ކުރިއިރު ފަނޑިޔާރުން ތިބީ ހުކުމުގައިވާ އެއްޗެއް ނޭނގޭ ހާލުގައި ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީއާވެސް ފަނޑިޔާރުން ހިލާފުވެ އަދި ކަނޑައެޅިގެން ފަނިޔާރުންނަށް ނުފޫޒު ފޯރުވިކަން އެނގިގެން ގޮސްފައިވާ ކަމަށް އާދަމް ޝަރިފް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންނަށް ރިޝްވަތުދީ ބިރުދައްކާފައިވާ މައްސަަލަ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އާދަމް ޝަރީފް ވަނީ ގޮވާލާފައެވެ.