ޚަބަރުސިޔާސީ

ކުރީ ސަރުކާރުން ހޮޅުދޫގައި ފެށި މަޝްރޫއުތަކެއް މިސަރުކާރުގެ މަޝްރޫއުތަކަށް ހަދައިފި

ކުރީ ސަރުކާރުން ނ.ހޮޅުދޫގައި ފެށި މަޝްރޫއުތަކެއް މިސަރުކާރުގެ މަޝްރޫއުތަކަށް ހަދައިފިއެވެ.

ސަރުކާރުން ހޮޅުދޫގައި ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫއު ކަމަށް ބުނެ އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހޮޅުދޫ އާރް.އޯ ޕްލާންޓް އަދި ސްޓޯރޭޖު ޓޭންކު ބެހެއްޓުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

އެކަމަކު އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފަށާފައިވާ މަޝްރޫއެކެވެ. އަދި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއަކީވެސް 2017 ވަނަ އަހަރު ފެށުނު މަސައްކަތެކެވެ.

މީގެ އިތުރުން 600 ކިލޯ ވޮލްޓު އަދި 250 ކިލޯ ވޮލްޓުގެ އާ އިންޖީނު އިސްޓޯލް ކުރުމުގެ މަސައްކަތަކީވެސް ރައީސް ޔާމީންގެ ސަރުކާރުގެ މަޝްރޫއެކެވެ. 600 ކިލޯ ވޮލްޓުގެ އިންޖީނަކީ އެމަނިކުފާނުގެ ވެރިކަމުގައި ހޮޅުދޫގައި ގާއިމް ކުރަން ނިންމި ސޯލާ ހައިބްރިޑް ސިސްޓަމްގެ ޕްރޮޖެކްޓްގެ އެގްރިމެންޓުގައި ހިމެނޭ މަސައްކަތެކެވެ. އެހެން ނަމަވެސް ސޯލާ ހައިބްރިޑް ސިސްޓަމްގެ މަސައްކަތަކީވެސް މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއެއް ކަމަށް ވަނީ ހަދާފައެވެ.

މި ސަރުކާރުން ހޮޅުދޫގައި ގާއިމްކުރަން ނިންމާފައިވާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިމުގައި ކުރީ ސަރުކާރުން އޮތީ 3 ބުރީގެ ހޮސްޕިޓަލެއް ހެދުމަށް ނިންމާފައެވެ. އެކަމަކު ކުރީގެ ކައުންސިލުން ވަނީ އެ ބިމުގެ ރަޖިސްޓްރީ ބާތިލްކޮށްފައެވެ.

ކުރީ ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުގެ މަޝްރޫއުތަކަށް ހެދުމަށްފަހު އެ މަސައްކަތްތަކުގެ ރިބަން ކަނޑަމުންދާކަމަށް ބުނެ އިދިކޮޅުންވެސް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރަށް ފާޑު ކިޔާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button