މުއައްވިޒް ރަޝީދު ޔާމީންގެ ޝަރީއަތާ ގުޅޭ ވާހަކަ ދައްކާ އޯޑިއޯއެއް ލީކުވެއްޖެ

އެސީސީގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދު ކުރިގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ޝަރީއަތާ ގުޅޭ ވާހަކަ ދައްކާ އޯޑިއޯއެއް ލީކުވެއްޖެއެވެ.
ލީކުވި އޯޑިއޯގައި މުއައްވިޒް ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު ދައުލަތުގެ ފަރާތުން އޭނައަށް ޕްރެޝަރުތަކެއް އައި ކަމުގައެވެ.
އޯޑިއޯގައި މުއައްވިޒް ވިދާޅުވީ އެމީހުން ޕްރެޝަރުކުރީ ހެކިބަސް ދޭން ކޯޓަށް ދިއުމަށް ކަމުގައެވެ. އަދި ހެކި ބަސް ދޭން ނުދިޔަ ކަމުގައި ވީނަމަވެސް މުއައްވިޒް އާއި ދެކޮޅަށް އެއްޗެއް ކްރިއޭޓް ކުރާނެކަމުގައެވެ.
މުއައްވިޒް ވިދާޅުވީ ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރަން އެސްއޯއެފްގެ ޗެކްގައި ސޮއި ކުރި މީހާ އާއި ޗެކް ހިފައިގެން ބޭންކަށް ދިޔަ މީހާ ހުރީ އިނގިރޭސިވިލާތުގައި ކަމަށާއި އެމީހުންނާއި ސުވާލުނުކޮށް މައްސަލައިގެ ތަހްގީގު ފުރިހަމަނުވާނެ ކަމަށެވެ. މީގެއިތުރުން މުއައްވިޒް ވިދާޅުވީ ޔާމީންގެ މައްޗަށް ދައުވާ އުފުލިއިރު ވެސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާކަން އޭސީސީ އިން ނިންމާފައި ނުވާކަމަށާއި، އަދި އެފަދަ ތުހުމަތެއް ވެސް ކޮށްފައި ނުވާނެ ކަމަށެވެ.
އަދިވެސް އަހަރެން ގަބޫލެއް ނުކުރަން އެތަހްގީގު ފުރިހަމަ ވެއްޖެކަމަކަށް. މުއައްވިޒް ވިދާޅުވިއެވެ.
މުއައްވިޒް ވިދާޅުވީ އަދީބާއި ޒިޔަތު އޭސީސީ އަށް ކުރިން ދިން ބަޔާނުގައި އެސްއޯއެފްގެ އެއްވެސް ކަމެއް އެނގޭ ކަމަށް ވެސް ހަދާފައި ނުވާކަމަށެވެ. އެދެމީހުން އެކި އިދާރާތަކަށް ބަޔާންދީ އެކިފަހަރު ވާހަކަ ދައްކާފައި ވަނީ އެކިގޮތަށްކަން މުއައްވިޒް ފާހަގަ ކުރިއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުން މައްސަލަ ލަސްކުރަމުން ގެންދަނީ 2023 ވަނަ އަހަރު ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދޭން ކަމަށް މުއައްވިޒް ވިދާޅުވިއެވެ.