ގާޒީ ހުސައިން ފާއިޒް ރަޝީދު ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާޒިރު ކޮށްފިނަމަ، އެމަނިކުފާނަށް ހުކުމް ކުރާނެ ކަމަށް އޭނާ ވިދާޅުވާކަމަށް ބެލެވޭ އޯޑިއޯއެއް ”ބޮންތި“ އަށް ލިބިއްޖެއެވެ.
ފާއިޒު ކަމަށް ބެލެވޭ މީހާއާއި ވާހަކަ ދެއްކި މީހާ، ފާއިޒު ކަމަށް ބެލެވޭ މީހާއަށް ގިނަ ސުވާލުތައް އަމާޒު ކުރެއެެވެ. އެގޮތުން ”ފާއިޒުމެން އެމީހުން (ސަރުކާރުން) ބޭނުންވާގޮތަށް ހުކުމް ކުރުމުން“ ވެސް ރައްކަލެއް ނެތްތޯ ސުވާލު ކުރެއެވެ. އަދި އެސުވާލުތަކުގެ ޖަވާބުގައި ފާއިޒު ކަމަށް ބެލެވޭ މީހާ ވަނީ ވެރިމީހާ ކޯޓަށް ގެންދިޔުމުން ވެސް ބެންޗުގައި އޭނާ އިންނެވިނަމަ ހުކުމް ކުރާނީ އޭނާ ކަމުގައި ބުނެފައެވެ.
”ހަމަ އޭނަ ވެސް އަންނާނެތާ.. އޭނާ މިތަނަށް ނާންނާނެ ގޮތެއް ނުވާނެ“ ފާއިޒު ކަމަށް ބެލެވޭ މީހާ ބުންޔެވެ.
ފާއިޒު ކަމަށް ބެލެވޭ މީހާ އާއި ސުވާލު ކުރި މީހާ ވަނީ އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރި ބެންޗުގެ އިސް ފަނޑިޔާރު އަލީ ރަޝީދުތޯ ސުވާލުކޮށްފައެވެ. އޭގެ ޖަވާބުގައި ފާއިޒް ކަމަށް ބެލެވޭ މީހާ ވަނީ އެއީ ރައީސް ސޯލިހުގެ ވާހަކަކަމުގައި ބުނެފައެވެ.
“ މިހާރު ވެރިކަމުގަ ހުރީ އަލީ ރަޝީދުތަ؟ އޭނަ ވެސް ގެންނާނެ އެއްނު ކޯޓަށް… މަ އެތާ އިނދެއްޖެއްޔާ އޭނައަށްވެސް ހުކުމް ކުރާނީ މަ“ ފާއިޒު ކަމަށް ބެލެވޭ މީހާ ބުންޏެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ އޯޑިއޯއާއި ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާންތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އާސިފް ވިދާޅުވީ އެ ބާޔާން ނެރުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސެން ކަމުގައެވެ. އެއީ ފަނޑިޔާރުންގެ ބަޔާނެއް ނޫން ކަމުގައެވެ.
ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅޭ އޯޑިއޯ ތަކެއް ލީކުވެފައިވާ މިދަނދިވަޅުގައި އެމަނިކުފާނު މިނިވަން ކުރަންޖެހޭ ކަމަށް ބުނަމުންދާ މީހުންގެ އަޑު ދަނީ ގަދަވަމުންނެވެ.