ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމުން ގަރާރެއް ނެރެފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެއްވެސް ޝަރުތަކާ ނުލާ މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލާ ގަރާރެއް ނެރެފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރޝިޕްގެ ފަރާތުން މި ގަރާރު ކައުންސިލަށް ހުށަހެޅުއްވީ ޕާޓީގެ ސެކެޓްރީ ޖެނެރަލް ތޮލާލްއެވެ.
ޕީޕީއެމުން މިރޭ އާމުކުރި ގަރާރުގައި ވަނީ ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވަނީ ގައިރު ގާނޫނީ ހުކުމެއް ކޮށްފައިވާކަމަށް އެ ކޯލިޝަނުންނާއި އާންމުންގެ އެތައް ބަޔަކު ގޮވަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ރައީސް ޔާމީންގެ މައްސަލަ ބެއްލެވި 3 ފަނޑިޔާރަކު އެ ހުކުމަކީ އެ ފަނޑިޔާރުންނަށް ބިރު ދައްކައިގެންކަން މިއަދު ލީކުވެފައިވާ އޯޑިއޯއިން ހާމަވެފައިވުމުން ސަރުކާރު ފަލީހަތް ވެއްޖެކަމަށެވެ. އަދި އެހެން ކަމުން އެއްވެސް ޝަރުތެއް ނެތި ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް އެ ގަރާރުގައި ގޮވާލާފައިވެއެވެ.
މި ގަރާރަށް ޕީއެންސީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އަދި ޕީޕީއެމްގެ ނައިބް ރައީސް އަދި މާލޭ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވެސް ވަނީ ތާއީދުކޮށްފައެވެ.
މި ގަރާރަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި މާލޭ ސިޓީ ކައުނސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވަނީ އިސްލާހެއް ހުޝައަޅުއްވާފައެވެ.
ނަރީޝް އިތުރުކުރުމަށް ހުޝައަޅާފައިވާ އިސްލާހަކީ ރައީސް ޔާމީނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބިވަޑައިގަންފައިވާ ގެއްލުމާއި ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން އަދާ ކުރައްވަން ޖެހޭ މަސްއޫލިއްޔަތުތަށް އަދާ ކުރެއްވުމަށް ލިބިދީފައިވާ ހައްގުތަށް ފޭރިގެންފައިވާތީ އެކަމުގެ ބަދަލު ހޯއްދަވައިދެއްވުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލުމެވެ.
މި އިސްލާހަށް މުހައްމަދު ޝަހީދު އަދި މުއާޒް ހަލީމް ވަނީ ތާއީދުކުރައްވާފައެވެ. މި އިސްލާހާއި އެކު ގަރާރު ވަނީ ފާސްވެފައެވެ.
ޕީޕީއެމުން މިފަދަ ގަރާރެއް ނެރެފައި މިވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިން ދައުވާ ސާބިތުވާ ކަމަށް ކްރިިނަލް ކޯޓުން ހުކުމް ކުރިއިރު، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ 3 ފަނޑިޔާރެއްގެ އޯޑިއޯއެއް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.