ޚަބަރުސިޔާސީ

އިންތިޚާބާއި ދިމާކޮށް މަޝްރޫޢުތަކެއް ފެށުމަށް އިންޑިޔާގެ ޓީމެއް އައްޑޫއަށް!

ރިޔާސީ އިންތިޚާބާއި ދިމާކޮށް އައްޑޫސިޓީ ގައި ބޮޑެތި މަޝްރޫޢުތައް ފައްޓައި ދިނުމާއި، އިފްތިތާޙް ކުރުމަށް އިންޑިޔާގެ ވަފުދެއް އައްޑޫސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އައްޑޫއަށް ވަޑައިގަންނަވާ އިންޑިޔާގެ ވަފުދުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާނީ އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް އެންޑް ޕާލިމެންޓަރީ އެފެއާޒްް ގެ ސްޓޭޓް މިނިސްޓަރ ވީ މުރަލީދަރަންއެވެ.

އައްޑޫސިޓީ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ އިންޑިޔާގެ ވަފުދުގެ ބޭފުޅުންވަނީ މިއަދު މެންދުރު ރާއްޖެ ވަޑައިގެންފައެެވެ. އިންޑިޔާ ސަރުކާރުގެ ވަފުދަށް މަރުޙަބާ ދަންނަވާފައިވަނީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރްއެވެ.

ރާއްޖެ ވަޑައިގެން ސްޓޭޓް މިނިސްޓަރ ވީ މުރަލީދަރަން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ޢިއްޒަތްތެރިންނާއި އިންޑިޔާގެ ރައްޔިތުންނާއެކު ރޭވިފައިވާ ރަސްމީ ބައްދަލުވުންތަކަށް އިންތިޒާރުކުރައްވާ ކަމަށެވެ. އަދި އިންޑިޔާ ސަރުކާރުގެ އެހީގައި އައްޑޫގައި ކުރިއަށްދާ ގިނަ މަޝްރޫޢުތަކެއްގެ ބިންގާއެޅުމާއި އިފްތިތާޙުކުރުމަށް އިންތިޒާރުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އިންްޑިޔާގެ ސްޓޭޓް މިނިސްޓަރ އައްޑުއަށް މިކުރައްވާ ޒިޔާރަތުގައި ގަން އިންޓަރނޭޝަލް އެއަރޕޯޓުގެ ބިންގާއަޅުއްވައި ދެއްވުމާއި، އަދި އައްްޑޫ ސިޓީގެ ބިންހިއްްކުމުގެ މަޝްރޫޢު ފައްްޓަވައި ދެއްވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ވެސް މިއަދު އައްޑު އަށް ވަޑައިގަންނަވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭން މަސައްކަތްތައް ދަނީ ކުރައްވަމުންނެވެ.

އިންޑިޔާގެ ސްޓޭޓް މިނިސްޓަރގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުކުރުމުގައި ދެޤައުމުގެ ދެމެދުގައި އަނެއްކާވެސް އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެއެވެ.

ރައީސް އިބްރާހިމްގެ ސަރުކާރުގެ 5 އަހަރުގައި ތަރައްޤީގެ ބިޔަ ބޮޑު މަޝްރޫޢުއެއް ހިންގިފައި ނުވާއިރު، އެފަދަ މަޝްރޫޢުތައް މުޅިންވެސް ހަވާލުކުރަނީ އިންޑިއާގެ ކުންފުނިތަކާއެވެ. މިކަމާއި ގުޅިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އިބްރާހިމްގެ ސަރުކާރަށް އަމާޒުވެފައެވެ.

އަދި އިންޑިއާ އާއިއެކު ދިވެހި ސަރުކާރުން ހަދާފައިވާ ގޮތްނޭނގޭ އެއްބަސްވުންތައް ހާމަނުކުރާއިރު މިއަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު އިންޑިޔާގެ ޑިފެންސް މިނިސްޓަރ ރާޖްނާތް ސިންހް ރާއްޖެެއަށްް 3 ދުވަހުގެ ޒިޔާރާތެއް ކުރައްވާ އޭނާގެ މިދަތުރުފުޅުގަައި ރާއްޖޭގެ ޑިފެންސްް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީ އާއި ބައްދަލުކުރައްވައި ދެޤައުމުގެ ޑިފެންްސް ސެކޔުރިޓީގެ ކަންކަން ވަރުގަދަ ކުރުމާއި މެދު މަޝްވަރާ ކުރައްވާފައިވެއެެވެ. ރާއްޖޭގައި މިހާރު ޤާއިމްވެގެން ތިބި އިންޑިއާގެ އަސްކަރިއްޔާ މި ޤައުމުން ބޭލުމަށް އެތައް ދިވެހިންނެއް ގޮވަގޮވާ ތިއްބާ އިންޑިއާގެ އިތުރު ސިފައިން ރާއްޖެއަށް ބޭނުންވާ ކަމަށް ދިފާޢީ ވަޒީރު ވަނީ ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button