ޚަބަރު

އޮކްޓޯބަރު 30 ގައި ބްލޮކުވެރިން ހޮވަނީ

މާލޭގެ ކޮންމެ ބްލޮކަކަށް އެ ބްލޮކެއްގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ވެރިއަކު ކަނޑައަޅައި ސިޓީ ކައުންސިލްއާއެކު މަސައްކަތްކުރުމަށް، ބްލޮކް ވެރިންގެ އިންތިހާބް އަންނަ އޮކްޓޫބަރ މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

ބްލޮކު ވެރިޔާ ކަމަށް ކުރިމަތިލެވޭނީ ވަކި ސަރުތުތަކެއް ހަމަވާނަމައެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މީލާދީ ގޮތުން 18 އަހަރުވެފައި ވުމާއި ކުރިމަތިލާ ބްލޮކުގައި ދިރިއުޅޭ މީހަކަށް ވުމާއި ވައްކަން، ޓެކުން، ފޭރުން ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން އަދި އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައި ނުވުމާ، އެފަދަ މައްސަލައެއްގެ ތަހުގީގްގައި ބަންދުކުރެވިފައިވާ މީހެއްކަމުގައި ނުވުމާއި، ތަހުގީގު މަރުހަލާގައި ތަހުގީގުކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި، ބަޔާންކޮށްފައިވާ ޖިންސީ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ހުކުމް  ތަންފީޒުކުރެވުނުތާ 3 އަހަރުވެފައިވުމާ، އިންތިހާބްކުރެވޭ އެހެން އެއްވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުމާ، މުސްތަގިއްލު މުވައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ ފަރާތެއްކަމުގައި ނުވުމެވެ.

ބްލޮކު ވެރިޔާ ކަމަށް ވުމަށް ޓަކައި ހުށައަޅަންޖެހެނީ ބްލޮކް ވެރިޔާކަމަށް އެދޭ ފޯމާއި، މުއްދަތު ހަމަނުވާ އައިޑީ ކާޑްގެ ކޮޕީއެއް އަދި ކުރިމަތިލާ ބްލޮކަށް ނިސްބަތްވާ 10 މީހަކު ސޮއިކޮށްފައިވާ ލިޔުމެކެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button