އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް މާދަމާ އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
މި މައްސަލައިގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ރައީސް ޔާމީން ކުރިން ވަނީ ދައުލަތުން ކުރާ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.
ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރަނީ ފުއްގިރި ދޫކުރުމަށް 1.3 މިލިއަން ޑޮލަރު ސަން ކޮންސްޓްރަކްޝަނުން ނަންގަވައި، 1.1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވައި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓެއްގައި މަންފާވާނެ ގޮތަށް ބެހެއްޓި ކަމުގެ ތުހުމަތެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ދިޔަނަމަވެސް މާފުށީ ޖަލުގައި ކޮވިޑް ފެތުރުމުގެ ސަބަބުން ރައީސް ޔާމީން ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.