ޚަބަރު

ސަރުކާރު ހިއްސާވާ ޔުޓިލިޓީ ކުންފުނިތައް ބޮއްސުންލާފައި: ފިރުޒުލް

މި ހިނގާ ނޮވެންބަރު މަހު 17ވަނަ ދުވަހު ހުވާކުރައްވާ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭނެ ސިޔާސަތުތައް އިންތިހާބީ ރައީސްގެ އޮފީހުން އާންމުކޮށްފިއެވެ. އެގޮތުން އެންމެ އިސް ކަމެއްދޭނެ އެއް ކަމެއްގެ ގޮތުގައި ހިންގުމާއި ބަޖެޓުގެ ހާލަތު އެތައް ގުނައަކަށް ދަށްވެފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުން ހިމެނެއެވެ.

އިންތިގާލީ ކޮމިޓީތަކުން ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުގެ މަސައްކަތްތައް ބަލައި އެކުލަވާލާފައިވާ ރިޕޯޓުތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެފައިވަނީ ފެނަކައާއި، ސްޓެލްކޯ، އެމްޑަބްލިއުއެސްސީއާއި ވެމްކޯގެ ހިންގުން ބޮއްސުންލައިގެން ގޮސް، އެ ކުންފުނިތައް މިހާރު ވަނީ ”ވަރަށް އުނދަގޫ ހާލަތެއްގައި“ ކަން ފާހަގަކުރައްވާފައެވެ.
ފިރުޒުލް ވިދާޅުވީ އެ ކުންފުނިތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ގެންގުޅޭ މައިގަނޑު ވިސްނުމަކީ ދައުލަތަށް ބުރަނުވާނެ ގޮތަށް، ރައްޔިތުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެހެން ކުންފުނީގެ ހިންގުން ބައްޓަން ކުރުމެވެ. މިގޮތަށް އަމަލު ކުރެވޭނީ ކުންފުނިތަކަކީ އޭގެ ޒާތުގައި ކުންފުނިތަކެއްގެ ގޮތުގައި ހިނގަމުންދާ ތަންތަން ކަމުގައި ވިސްނައިގެންކަމަށާއި ކުންފުނީގެ އެކި ހަރަދުތައް ކުރުމުގައި ދައުލަތުގެ ބަޖެޓަށް ބަރޯސާވުމުގެ ބަދަލުގައި އެ ކުންފުންޏަކަށް ލިބޭ އާމްދަނީއަކުން ހަރަދުތައް މެނޭޖްކުރާ ގޮތަށް ކަންކަން ބަދަލުކޮށްގެން ކަމަށް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ ކުންފުނިތައް މިހާރު ހުރި ހާލަތާމެދު ވިސްނައި، ދައުލަތަށް ބުރައަކަށް ނުވާނެހެން ބަލައި، އެންމެ އެކަށީގެންވާ ގޮތަށް ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތްތައް ވިސްނައި އެކަމަށް މަސައްކަތް ކުރެވެމުން ދާކަމަށެވެ.
ކުންފުނިތަކުން ކުރިއަށް ގެންދިއުމަށް ފަށާފައިވާ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިއަށް ނުގެންގޮސް މަސައްކަތް ދިގުލައި ގޮސްފައިވާތީ ޕްރޮޖެކްޓުތަކުގެ އަގު އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށާއި، ޕްރޮޖެކްޓުތައް މިހާރު ހަވާލުކޮށްފައިވާ ތާރީހަށް ނިންމަން އިސްކަން ދޭނެކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް މިހާރު ހުރި ހާލަތުން ހެޔޮ ހާލަތަަށް ރުޖޫއުކުރުމަށް އިންތިހާބީ ސަރުކާރުން ގެންގުޅޭނެ ފަސް ހައްލެއް ފިރުޒުލް ވަނީ ހާމަކުރައްވާފައެވެ. މިގޮތުން:

1. ކުންފުނިތައް އަމިއްލަ ފައިމައްޗަށް ތެދުކުރުން

2. މާލީ އަދި އިދާރީ ހިންގުން ހަރުދަނާކުރުން

3. އާންމު ކުދި ވިޔަފާރިތަކަށް އަދާކުރަންޖެހިފައިވާ ފައިސާ ވީ އެންމެ އަވަހަކަށް އަދާކުރުން

4. މުޅި ”ޔުޓިލިޓީ“ ނިޒާމުގެ އޮނިގަނޑާމެދު އަލުން ވިސްނުން

5. ހިނގަމުންދާ ޕްރޮޖެކްޓުތައް ބާރަށް ނިންމުމަށް އިސްކަންދިނުން

ފިރުޒުލް ވިދާޅުވި ގޮތުގައި ކުރިމަތީގައި ވަނީ އުންމީދުތަކަކާއެކު ބޮޑެތި ގޮންޖެހުންތަކެކެވެ. އެ ކަންކަމާ ކުރިމަތިލައި  ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button