ޚަބަރު

ކުޑަހުވަދޫ ރައްޔިތުން ކުރީ އިންސާނިއްޔަތަށްޓަކާ ވަރުގަދަ ޖިހާދެއް: ފިކުރީ

ދ.ކުޑަހުވަދޫ ރައްޔިތުން ކުރީ އިންސާނިއްޔަތަށްޓަކާ ވަރުގަދަ ޖިހާދެއް ކަމުގައި އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ ވިދާޅުވެއްޖެއެވެ.

”ބޮންތި“ އަށް ދިން އިންޓަވިއުގައި ފިކުރީ ވަނީ ކުޑަހުވަދޫ އިހުތިޖާޒުއާއި ގުޅިގެން ހިނގައިދިޔަ ކަންތައްތަކާއި އަދި އެ އިހުތިޖާޖުގެ ބޭނުން ވަރަށް ރަނގަޅަށް ހިއްސާކުރައްވާފައެވެ.

ފިކުރީގެ ވާހަކަ ފަށަމުން ވަނީ ފުލުހުން ހައްޔަރުކުރި އެންމެންހެން މިހާރު މިނިވަންކޮށްފައިވާކަން އުފަލާއެކު ފާހަގަކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެއީ ރައްޔިތުން ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖެކެވެ. މި އިހުތިޖާޖު ކުރިއަށް ގެންދިޔަކީ އެއް ވެސް ހާލެއްގައި ޣައިރުގާނޫނީ ކަމެއް ހިންގަން ނޫންކަމަށާއި އަދިިިި ބަޔަކަށް އަނިޔާތަކެއްދީ ބަޔަކު ކުރަމުން ދިޔަ މަސައްކަތެއް ހުއްޓުވުމުގެ ނިޔަތުގައި ވެސް ނޫންކަމަށް ފިކުރީ ވިދާޅުވިއެވެ. މިކަމުގެ ބޭނުމަކީ ބަލިމީހުން އުފުލުމުގައި ހުރި ދަތިތަކާ، މީގެކުރިން ބަލިމީހުންނަށް އަވަސް ފަރުވާ ނުދެވުމުގެ ސަބަބުން ހިންގާފަ ހުރި ހިތާމަވެރި ހާދިސާތައް ތަކުރާރު ވިޔަނުދިނުމަށް ކުރިޔަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި މިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އިންސާނިޔަތުގެ ހައްގުގައި ކުރިޔަށް ގެންދިޔަ އިހުތިޖާޖެއްކަމަށް ފިކުރީ ވިދާޅުވިއެވެ.

މަންޓާގެ އިސްބޭފުޅުންނާއި އެކުގައި ރައްޔިތުންގެ ތެރެއިން ކަނޑައެޅުނު ފަރާތްތަކާ އަދި ކައުންސިލް ހިމެނޭހެން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން އުންމީދީ ޖަވާބުތަކެއް މަންޓާގެ ފަރާތުން ލިބިފައިވާކަން ފާހަގަކުރައްވައި ފިކުރީ ވިދާޅުވީ ރައްޔިތުން ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖު މިވަގުތަށް ހުއްޓާލާފައިވާ ކަމުގައެވެ.

”ބަލިމީހުން އުފުލުމުގައި ހައްލެއް ނުލިބި އޮއްއޮތުން ނިމުމަކާ ގާތްވެއްޖެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިލާ އަދި މަންޓާ އަށް ސުޓްރެޗާ އުފުލޭނެހެން ހެދުމަށް ތިން މަސް ދުވަހުގެ މުހުލަތެއް މިހާރު އެއޮތީ ދީފަ.“ ފިކުރީ ވިދާޅުވިއެވެ.

މީގެ އިތުރުން ފިކުރީ ފާހަގަކުރިގޮތުގައި ރައްޔިތުން ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޒް ހޫނުވި ސަބަބަކީ ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުން ކަމަށާއި، އެހެން ނަމަވެސް ބޮޑު އަނިޔާއެއް ވެގެން އެއްވެސް މީހަކަށް އަދި ފުލުހަކަށް ވެސް ފަރުވާ ދީފައި ނުވާކަން އޭނާ ފާހަގަ ކުރިއެވެ.

އެންމެ ފަހުބަހަކަށް ފިކުރީ ވިދާޅުވީ ރައްޔިތުން މިކަން މިގޮތަށް ކުރީ އެއާޕޯޓު ހުއްޓުވަައި، މަންޓާގެ އޮޕަރޭޝަނަށް ހުރަސް އަޅަން ނޫންކަމަށާއި، ރައްޔިތުންގެ ހަމައެކަނި ޑިމާންޑަކަށް ވީ އަވަސް ފަރުވާއަށް ބޭނުން ޖެހޭ ބަލިމީހުނަށް ވީހާވެސް އަވަހަކަށް މާލެ ދެވޭނެ އިންތިޒާމެއް ހަމަޖެހުންކަމުގައެވެ.

ކުޑަހުވަދޫ ރައްޔިތުން ކުރީ އިންސާނިޔަތަށްޓަކައި ވަރުގަދަ ޖިހާދެއް ކަމަށް ވެސް ފިކުރީ ވިދާޅުވިއެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button