ރިޕޯޓް

ދައުލަތުގެ ހަރުމުދާ ރަހުނު ކުރުން: ފައްޓަރުބައި ފައިނޭންސިންގެ ފެށުން؟

ކޯވިޑް-19ގެ ސަބަބުން ރާއްޖޭއަށް ދިމާވި އިގްތިސާދީ އަޑިގުޑަނުން އަރައިގަތުމަށް ސަރުކާރުން އަންނަނީ އެކިއެކި ނަންނަމުގައި އެތައް މިލިއަން ޑޮލަރެއްގެ ލޯނު ނަގަމުންނެވެ.

ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި މިހާރު ވަނީ ދައުލަތުގެ ހަރުމުދާތައް ރަހުނު ކުރަން ފަށާފައެވެ. އެގޮތުން އެންމެ ފަހުން އިވިގެން ދިޔައީ ސަރުކާރަށް ފައިސާ ހޯދުމަށްޓަކައި ސުކޫލުތަކެއް ރަހުނުކުރި ހަަބަރެވެ. ސަރުކާރުން ރަހުނުކުރަން ނިންމާފައިވާ ސުކޫލުތަކަކީ:

1- އިސްކަންދަރު ސުކޫލް

2- ތާޖުއްދީން ސުކޫލް

3- އިޔާޘުއްދީން ސުކޫލް

4- އިމާދުއްދީން ސުކޫލް

5- ކަލާފާނު ސުކޫލް

6- ދެވަނަ އަންހެން ކުދިންގެ ސާނަވީ ސުކޫލް

7- މާލެ ހަޔަރ ސެކަންޑަރީ ސުކޫލް

8- އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސުކޫލް

9- މާލޭ އިންގްލިޝް ސުކޫލް

10- ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީއެޑިޔުކޭޝަން

ސަރުކާރުން މިދިޔަ ޖޫން މަހުގެ ތެރޭގައި ވެލާނާގެއާއި އޮލިމްޕަސް ރަހުނުކޮށް، އިސްލާމިކް އިންސްޓްރޫމެންޓެއް އިޝޫ ކުރުމަށްފަހު 350 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

މީގެ ކުރިން ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ހޮހޮޅައެއްގެ ގޮތުގައި ސިފަ ކުރެއްވި ދަރުމަވަންތަ ހޮސްޕިޓަލުވެސް ވަނީ 2021 ވަނަ އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ރަހުނު ކޮށްފައެވެ. އެފަހަރު ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކޮށްގެން 300 މިލިއަން ރުފިޔާ ހޯދިއެވެ.

ސަރުކާރުން ރާއްޖޭގެ ހަރުމުދާ ރަހުނުކޮށްގެން ފައިސާ ހޯދަމުންދާއިރު، އެ ފައިސާތައް ހަރަދުކުރެވެނީ ކިހިނެއް، ކޮންގޮތަކަށް ކަމެއް ރައްޔިތުންނަށް އެނގުމަކީ މުހިންމުކަމެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ލޯނުތައް ނަގަމުން ދިޔައީ ރައްޔިތުންނަށް ފައިދާވާނޭ ބޮޑެތި މަޝްރޫއުތައް ހިންގުމަށެވެ. އަދި އެ މަޝްރޫއުތަކަށް ނެގުނު ލޯނު އަނބުރާ ދެއްކުމަށް ސޮވެރިން ޑިވެލްޕްމެންޓް ފަންޑެއް ހެދި، ޔާމީންގެ ވެރިކަން ނިމުނުއިރު، އެ ފަންޑުގައި 100 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދެއްގެ ފައިސާ ހުއްޓެވެ. ނަމަވެސް މިހާރު ސަރުކާރުން ބޯޑެތި ލޯނުތައް ނަގަމުން ދަނީ ރިކަރަންޓް ހަރަދުތައް ފޫބެއްދުމަށެވެ. އަދި އެފައިސާ ދައްކާނެ މަގެއް ނެތެވެ.

ރައިސް ޔާމީން ބޮޑެތި ލޯނުތަކެއް ނަގަމުން ދިޔުމުން މިހާރުގެ ސަރުކާރުގެ އިސްވެރިން ވަނީ ވަރަށް ބޮޑަށް އެކަމަށް ފާޑުވިދާޅުވެފައެެވެ. އަދި އެބޭފުޅުންގެ ވެރިކަމެއްގައި ރައްޔިތުންގެ ބޮލުގައި ދަރަނި ނާޅުވާނެ ކަމަށް ވިދާޅުވިޔަސް ދައުލަތުގެ ޖުމްލަ ދަރަނި 70 ބިލިޔަނުން މައްޗަށް ވަނީ ގޮސްފައެވެ.

ރާއްޖޭގެ ހަރުމުދާތައް ރަހުނު ކޮށްގެން ބޮޑެތި ލޯނުތަކެއް ނަގާފައިވާއިރު، އެ ފައިސާތައް ބޭނުން ކޮށްގެން ރާއްޖޭގެ އިގްތިސާދު ކޮޅަށްޖެހުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އަދި ލޯނު އަނބުރާ ދެެއްކޭނެ ނިޒާމެއް ގާއިމްކުރަން ޖެހޭނެއެވެ. އެހެން ނޫންނަމަ، ރަހުނު ކޮށްފައިވާ ކޮންމެ ތަނެއް ވެގެންދާނީ ބޭރު ބައެއްގެ އެސެޓަކަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button