ޚަބަރު

ތުލުސްދޫ ކަސްޓަމްސްގެ ހިދުމަތް އުވާލަނީ!

ކ.ތުލުސްދޫ ކަސްޓަމްސްގް ހިދުމަތް އުވާލަން ނިންމާފައިވާކަމަށް އެރަށު ކައުންސިލްގެ ރައީސް އަސްލަމް މޫސާ ”ބޮންތި“ އަށް ކަށަވަރު ކޮށްދެއްވައިފިއެވެ.

އަސްލަމް ވިދާޅުވިގޮތުގައި އެ ރަށު ކަސްޓަމްސްގެ ހިދުމަތުގައި އުޅޭ 5 މުވައްޒަފުން މާދަމާއިން ފެށިގެން މާލެއަށް ބަދަލުވާން ވަނީ އަންގާފައެވެ.

”30 އަހަރުގެ ކަސްޓަމްސް ހިދުމަތް އެ އުވާލީ. މުވައްޒަފުންނަށް 3 މަސް ދުވަހުގެ ނޯޓިސް ދިނީ އަނގަބަހުން. މިކަން ހައްލު ކުރަން މުވައްޒަފުން އެދުނީ ކަައުންސިލްގެ އެހީތެރިކަމަށް.  އަނގަބަހުން ނޯޓިސް ދީގެން އެކަމުގެ ޝަކުވާ މުވައްޒަފުން ކުރީމަ އަޅައެއް ނުލި. ދެން ކައުންސިލުން ކަސްޓަމަށް ސިޓީ ފޮނުވީމަ ފަހުން ލިޔެކިޔުމުން އެންގީވެސް.“ އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ 5 މީހުން ތުލުސްދޫ ކަސްޓަމްސްގައި މަސައްކަތް ކުރާތާ 28 އަހަރު ވެއްޖެ ކަމުގައެވެ.

”ކަސްޓަމްސް ހުންނަ އިމާރާތުގެ ބިމަށް ކުލި ދައްކާކަށް ނުޖެހޭނެ. އޮފީސް އިމާރާތާ ބޮޑު ގުދަނެއް ހުންނާނެ. މުވައްޒަފުންގެ މައްސަލައިގައި ރައީސް އޮފީހަށް ސިޓީ ލީމަ ބުނީ ކަސްޓަމްސް އިން ނިންމާފަ އޮތީމަ އިތުރު ޖަވާބެއް ދެވެން ނެތްކަމަށް. ދެން އެންގީ ހޯމް މިނިސްޓްރީއާ މަޝްވަރާ ކުރަން.“

އަސްލަމް ވިދާޅުވިގޮތުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ގުޅަން އެކި ފަހަރު މަސައްކަތް ކޮށްގެން ޖަވާބެއް ލިބުނީ ދެ ހަފްތާ ފަހުން ކަމުގައެވެ. އަދި އެކަން ބަލާނެކަމަށް އިމްރާން ވިދާޅުވިކަން އޭނާ ފާހަގަކުރެއްވިއެވެ.

”މިނިސްޓަރ ވިދާޅުވީ ބައްލަވާނަމޭ. އެކަމަކު އެކަމަކެއް ނުވި. 5 މުވައްޒަފުންނަށް ލިބޭ އާމްދަނީން މާލޭގަ އުޅޭނީ ކިހިނެއް. މިރަށަކީ އެމީހުންގެ ދިރިއުޅުމުގެ އެއްބައި. 5 މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 70 ހާސް ރުފިޔާވެސް ނުދާނެ. އެކަމަކު ސަރުކާރަށް މުހިންމީ ބޮޑެތި މުސާރަ ދީފަ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުން.“ އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލޯކަލް ގަވަމެންޓް އޮތޯރިތީ މެދުވެރިކޮށް އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ތުލުސްދޫ ކަސްޓަމުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އެރަށާ ކައިރި ރިސޯޓުތަކަށް ގެންނަ މުދާ ޗެކް ކުރުމާ މަސް އެކްސްޕޯޓު ކުރުމުގައި ބަލައި ފާސްކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ކަސްޓަމްސް އިން ހޯދުމަށް ”ބޮންތި“ އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button