ޚަބަރުސިޔާސީ

އެއްފަސްކުރުމުގައި އޮތް ގޮންޖެހުމަކީ ފަންނީ މީހުން ތަމްރީނު ކުރުން: ރައީސް ޔާމީން

އާބާދީ އެއްފަސްކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ މީހުން ތަމްރީނު ކުރުން ކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނެސްދިން އެންމެ ފުރަތަމަ ގައުމު ޕްރޮގްރާމުގައި ވާހަކަފުޅުަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެއްފަސްކުރުމުގެ ސިޔާސަތުގައި އަދިވެސް ހަބަކަށް ވާނީ މާލެ ސަރަހައްދު ކަމުގައެވެ. ކުޅުދުއްފުއްޓާއި، ތިނަދޫ އަދި އައްޑޫ އަތޮޅުގެ ނަން ކިޔަސް އިތުރު ދައުރެއް ލިބިވަޑައިގެންފިކަމަށް ވާނަމަ، ދައުލަތުގެ ފައިސާ އެ ސަރަހައްދުތަކަށް ހޭދަކޮށްގެން އެއްފަސްކުރުމުގެ މަސައްކަތް ކާމިޔާބު ކުރެވޭތޯ ބައްލަވަން ނުހުންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އެކަން އެކްސްޕެރިމެންޓެއް ނުކުރާނަން. އެއީ މިހާރު މިއޮތީ ކާމިޔާބު ކަމާއެކީ ސާބިތު ކުރެވިފަ އޮތް ޕްރޮޑަކްޓެއް. އެހެންވީމަ އެއްފަސްކުރުން (މާލެ) މިކޮޅުގަ އޮންނާނީ. އެއްފަސްކޮށްގެން މީހުންނަށް ނޫޅެވޭ ވަރަކަށް އަދި ފުރިގެންނެއް މާލެ ސަރަހައްދު ދާނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވިގޮތުގައި މާލޭގެ ފެންވަރަށް އައްޑޫ އަތޮޅުގެ ޓާޝަރީ ހޮސްޕިޓަލު ހަދަންޏާ ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މެޝިނަރީ ފަދަ ތަކެތި ގަނެވުނަސް ފަންނީ މީހުން ތަމްރީނު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

”ސުޕަރ ސްޕެޝަލިސްޓުން ތަމްރީން ކުރުމަށްޓަކައި ގާތްގަނޑަކަށް 170 ޑޮކްޓަރުން ބޭރަށް ފޮނުވުނު. އެމްބީބީއެސް ޑޮކްޓަރުން ޓްރެއިން ކުރުމަށް 500 އެތައް މީހުނެއް ފޮނުވުނު. މީގެ ނަތީޖާ ލިބޭނީ ކޮންއިރަކުންތޯ؟ މީގެ ނަތީޖާއެއް ނުލިބޭނެ ސިޔާސީ ލީޑަރަކު ވެރިކަމުގަ ހުއްޓަކައެއް.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ހެލްތު ސަޕޯޓް ވޯކަރުންގެ ތެރޭގައި ހޮސްޕޮޓަލުތަކަށް އޮތް ދައްޗަކީ ނަރުހުންކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ގިނަ އަދަދަކަށް ނަރުހުން ތަމްރީން ކުރަންޖެހޭ ކަމުގައެވެ. ރައްޔިތުންނަށް ރަނގަޅުފެންވަރެއްގެ ސިއްހީ ހިދުމަތެއް ދިރިއުޅޭ ރަށުން ލިބުމަށް ބޭނުންވާނެކަމަށާއި، އޭގެ ޒާތުގައި އެކަން ފުރިހަމަ ނުވާ ސަބަބެއްގެ ގޮތުގައި ޓާޝަރީ ހޮސްޕިޓަލުތަކެއް ހެދުމަށްފަހު އަތޮޅު ހޮސްޕިޓަލު ރަނގަޅު ފެންވަރަކަށް ޔާމީންގެ ވެރިކަމުގައި ހަދަން ޖެހުނު ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރަށެއްގެ ސިއްހީ މަރުކަޒުން އަތޮޅު ހޮސްޕިޓަލަށް ބަލި މީހާ ބަދަލު ކުރުމަށްފަހު، ޓާޝަރީ ހޮސްޕިޓަލަކަށް ނުވަތަ މާލެއަށް ވައިގެ މަގުން މިހާރުވެސް ގެންނަން ޖެހޭ ކަމުގައެވެ.

”އަޅުގަނޑުމެންނަށް ވަރަށް މޮޅެތި ވާހަކަތައް ދެއްކިދާނެ. އެކަމަކު އެއީ ބޮޑެތި އިންވެސްޓްމެންޓް ކޮށްގެން ނޫނީ ނުވާނެ ކަންކަން.“ ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ މީހަކަށް ލިބެނީ ފަސް އަހަރުގެ ދައުރެއް ކަމުގައެވެ. އެމީހަކު ހުވަފެން ދެކޭނީ ދައުރުގެ ތެރޭގައި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށް ކަމަށާއި، 10 އަހަރުން ނުވަތަ 20 އަހަރުން ނިމޭ މަޝްރޫއަކަށް ކުރިމަތިލައިގެން މަސައްކަތް ނުކުރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”އެއީ އޭނަވެސް ހިތްހަމަޖެހުން ހޯދަން ބޭނުންވާނެ އޭނާ ފައްޓާ މަޝްރޫއު ނިމިގެންދާނެ ކަމަށް. އެއީ (ވެރިކަމަށް) ދެން އަންނަ ބައެއްގެ ވިސްނުން ބަދަލުވެއްޖެ ކަމަށް ވަންޏާ ދައުލަތުގެ ވަރަށްބޮޑު ހަރަދުތަކެއް އެހެރީ ބޭކާރުވެފަ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ފާހަގަކުރެއްވިގޮތުގައި ސިޔާސީ މީހުންނަކީވެސް އަމިއްލަ އެދުން ބޮޑު ބައެކެވެ. އެގޮތުން ސިޔާސީ މީހަކު ފަށާ ކަމެއް 5 އަހަރުގެ ތެރޭގައި ނިންމަން ބޭނުންވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”އެހެން ނޫނިއްޔާ މިހާރު މި ހިނގާ ކަންތައް ފެންނަނީ. އަދިވެސް ފެންނަނީ އަޅުގަނޑުމެންގެ 5 އަހަރުގެ ތެރޭގައި ކުރި ކަންތައްތަކުގެ ރިބަން ކަނޑާ ތަން.“ ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ 10 ނުވަތަ 15 ވަރަކަށް އަހަރު ތެރޭގައި ނޫނީ އެވަރުގެ ކަންކަން ނުކުރެވޭނެ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button