ޚަބަރު

ވިލިމާލެއަށް ހާއްސަ ހައުސިންގ މަޝްރޫއެއް ހިންގުމަކީ އަމާޒެއް: ޑރ.މުއިއްޒު

ވިލިމާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ހައުސިންގ މަޝްރޫއެއް ހިންގުމަކީ ސިޓީ ކައުންސިލްގެ އަމާޒެއް ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ރޭ ވިލިމާލޭގެ ރައްޔިތުންނަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި، ވިލިމާލޭގައި ކުރުމަށް ސިޓީ ކަންސިލުގެ އެސްއޭޕީގައި ފާސްކޮށްފައިވާ ގިނަ ކަންތައްތަކެއް ޑރ.މުއިއްޒު ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން ވިލިމާލޭގައި ”ވަން ސްޓޮޕް ސާރވިސް ސެންޓަރ“ އެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ. އަދި މިތަނުން ސަރުކާރުން ދޭ ހުރިހާ ޚިދުމަތްތަކެއް ލިބޭނެ މަގު ތަނަވަސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޑރ،މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ވިލިމާލެއާއި މާލޭގެ އަވަށު ބޯޑެއް އެކުލަވާލުމާއި، އަދި ރައްޔިތުން ހޮވާ ބްލޮކް ވެރިއެއް ހޮވުމަށް ނިންމާފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި މިކަމުގެ ތެރެއިން ސިޓީ ކައުންސިލާއި ރައްޔިތުންނާއި ދެމެދު ގާތް ގުޅުމެއް އުފެއްދޭނެ ކަމަށްވެސް މޭޔަރ ވިދާާޅުވިއެވެ.

ހަމައެއާއިއެކު ވިލިމާލޭގައި 10 ބުރިޔަށް އިމާރާތްކުރެވޭ ގޮތަށް ގަވާއިދު ބަދަލުކުރުމާއި، ވިލިމާލޭގެ ސިނާއީ ސަރހައްދު ބޭނުންކުރަމުންދާ ގޮތް އިސްލާހު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު ދެމުންގެންދާ ބަގީ ސާވިސްގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، އަދި ބަގީގެ ޚިދުމަތް ދޭނެ އިތުރު ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައިވާ ކަން ވެސް މިބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.

ވިލިމާލޭގެ ވިޔަފާރިވެރިންނަށް ވެސް ޑރ.މުއިއްޒުވަނީ އުފާވެރި ހަބަރުތަކެއް ދެއްވާފައެވެ. އެގޮތުން މަސްމާރުކޭޓަކާއި ލޯކަލް މާރުކޭޓެއް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވިލިމާލޭގައި ސްޓްރީޓް ފުޑް ތައާރަފް ކުރުމަށް މަޝްވަރާކުރެވޭ ވާހަކަވެސް މި ބައްދަލުވުމުގައި ވަނީ އިއުލާން ކުރައްވާފައެވެ. އަދި ވިލިމާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު ޕާކެއް އަދި ޒުވާނުންނަށް ޚާއްސަ ކޮމިއުނިޓީ ސެންޓަރެއް ހެދުމަށް ނިންމާފައިވާ ކަން ވެސް ޑރ.މުއިއްޒު ހިއްސާކުރެއްވިއެވެ.

ޑރ.މުއިއްޒުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލްގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރުމަކީ ސިޓީ ކައުންސިލްގެ އަމާޒެކެވެ. އެގޮތުން އެންމެ ގިނަވެގެން 3 ދުވަސް ތެރޭގައި ހުރިހާ ޚިދުމަތެއް ވެސް ހޯދޭނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ވިލިމާލޭގެ ތަރައްގީއާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ސިޓީ ކައުންސިލްގެ ފަރާތުން މިރޭ ވަނީ ހިއްސާ ކުރައްވާފައެވެ. އަދި މިކަންތައްތަކަކާއި ގުޅިގެން ރައްޔިތުންގެ ޚިޔާލާއި ސުވާލުތައް ވަނީ ކައުންސިލަރުންނާއި ހިއްސާ ކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button