ކޮލަމް

ކޮލަމް ހިސްޓޯ: މުޅިން އައު ރަބީޢަކުން އެމްޑީޕީ އަށް ގެނުވި ޚަރީފެއް!

ދިގު 30 އަހަރުގެ ވެރިކަން ނިންމުމަށް އުފެއްދި އެމްޑީޕީ ވުޖޫދު ވިފަހުން، ފުރަތަމަ ބޭއްވި ރިޔާސީ އިންތިޚާބުގައި ދެބުރު ދުއްވައިގެން އެޕާޓީ ވެރިކަން ހޯދިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ބައްދަލުކުރީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއެވެ. ރިޔާސީ އިންތިޚާބުގެ ކާމިޔާބީގެ ނިވަލުގައި މަޖިލިސް އިންތިޚާބު ބޮޑުތަނުން ނަގާނެކަމަށް އެޕާޓީގެ ލީޑަރު ގަދަބޭހެދިގެން ބުނަމުން ދިޔަ ބަސް ތަކަށް ރައްޔިތުން ދިނީ ބީރު ކަންފަތެކެވެ. 77 ގޮނޑި ހިމެނޭ 17ވަނަ މަޖިލީހުން އެމްޑީޕީއަށް ކާމިޔާބު ކުރެވޭގޮތްވީ އެންމެ 26 ގޮނޑިއެވެ. މިޢަދަދަކީ ވެރިކަން ވެއްޓުނަ ނުދީހިފަހައްޓަން ބޭނުންވާ ޢަދަދު ކަމުގައިވާ މަޖިލީހުގެ ތިންބައިކުޅައެއްބައި ކިރިޔަކިރިޔާ ހަމަވާ މިންވަރެވެ. މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތު ކާމިޔާބުކުރީ އޭރުގެ ވާދަވެރިންކަމުގައިވާ ޑީއާރުޕީ ޕީއޭ ކޯލިޝަނުންނެވެ. ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މަދު މެންބަރުންގެ ވިސްނުމާއި ފިކުރު ވެސް އެމްޑީޕީއާ އިދިކީލިވެ ދީލައިލީ ވާދަވެރި ކޯލިޝަނާ ދިމާއަށެވެ.

ވެރިކަމުގެ ކުރީކޮޅު މަޖިލިސް ގެއްލުމާއެކު އެމްޑީޕީއަށް ދަތުރުކުރަން ޖެހުނީ ރާޅު ބޮޑު ގަދަ ކަނޑެއްގައެވެ. ވާދަވެރި ޕާޓީތަކުން މަޖިލީހުގެ ރިޔާސަތު، ހ.ރަބީޢީމަންޒިލް ޢަބްދުلله ޝާހިދާ ޙަވާލުކުރި ކުރުން ވެގެން ދިޔައީ އެމްޑީޕީ އޮޑީގެ މަޑޫތައް ލުއްސައި ފަށަން ފޫއަޅުވައިލާވަރުގެ ޙަމަލާއަކަށެވެ. މަޖިލީހަށް އިންތިޚާބުވި މެންބަރުންގެ ތެރެއިން އެންމެ މަދު ވޯޓުން، އާދެ! ތިންސަތޭކައެއްހާ ވޯޓުން އިންތިޚާބުވި، ރަބީޢީ މަންޒިލް ޝާހިދުގެ ރިޔާސަތުގައި އެމްޑީޕީއަށް ދިޔައީ މަޖިލީހުގައި ހިރިލެވޭނެ ފުރުޞަތެއްވެސް ނުލިބިއެވެ.

ހަނގުރާމަ ފެށި ހޫނުވެގެން ދިޔައީ ޓައީ އެއްގެ މައްސަލައިގައި އޮޑިޓަރ ގެނެސް ޒަބަޙަ ކޮށްލި ހިސާބުން ފެށިގެންނެވެ. އެއާއެކު، އެމްޑީޕީގެ ވަޒީރުން މަޖިލީހަށް ޙާޟިރުކޮށް ވަޒީރުންގެތެރޭގައި ތިބި އަގުޅިނެތް ކަންނެޔޮތައް ބޭރުކުރަން ފެށުމުން، ނަޝީދުގެ ނޭވާކުރުވެ ކެތްނުވެވިގެން އޭނާގެ އޯޑަރަށް ވަޒީރުންގެ މަޖިލިސް އެކީއެއްކޮށް އިސްތިއުފާ ދިން މަންޒަރުވެސް ފެނިގެން ދިޔައެވެ. ޙާލަތުގެ މަޖުބޫރާއެކު، މަޖިލީހުގެ ރިޔާސަތަށް އެހެން ރަބީޢެއް ލިބޭތޯ މަސައްކަތްކުރަން އެމްޑީޕީއަށް މަޖުބޫރު ކުރުވިއެވެ.

މަޖިލީހުގެ ރިޔާސަތުން ޝާހިދު ބޭރުކުރުމަށްޓަކައި، އައްވަލަށް ފެށި މަސައްކަތަކީ ވާދަވެރިންގެ ސަފުތައް ރޫޅާލައި ބަލިކަށި ކުރުމެވެ. މިގޮތުން އެ ކޯލިޝަނުގެ ތެރެއަށް އެކި ގޮތްގޮތުން ތޮރުފިގެން އެކި އެކި ވޯޓާ ދިމާކޮށް މެންބަރުން އޮޅުކޮށްގެން ކިރު އިލޮށީގައި ޖައްސައި، އެމްޑީޕީގެ ކޮއްޓަށް މެންބަރުން އިތުރުކުރުމުގެ ބާބެއް ފެށިގެން ދިޔެއެވެ. އޭރުވެސް މަޖިލީހުގައި ތިބި އެމްޑީޕީގެ 26 މެންބަރުން ދިޔައީ ނަޝީދު ކޮނޑަށްލައިގެން “ނިދާލުމުގައި އަރާމުވަނީ ގޮދަޑި ކާލޯނު އަޅައިލީމާ” ކިޔަމުން ނަޝީދުވަރެއް ނެތިގެން އަންބާ ކިޔަމުންނެވެ. ނަމަވެސް މާލެއާއި މުޅިރާއްޖެ އޮތީ އެހެނަކުން ނޫނެވެ. ނަޝީދު ވެރިކަމަށް އަންނަންވެގެން ވީހުރިހާ ވަޢުދަކާއި އަޙުދެއް އުވާލައި ވެރިކަމުގެ ނޭއްގާނީކަމަހުރެ ރައްޔިތުން ހަނާވާތީ، މުޅި ރާއްޖެ ދިޔައީ ނަޝީދުގެ ވެރިކަމާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ. އެއްކަލަ ގޮދަޑިމަތީ ނަޝީދު އުފުލި 26 މީހުންގެ ކޮނޑަށް އެއްދުވަހަކު މާ ހެނދުނަކާ މާ ލުއިވެއްޖެ ހެން ހީވެގެން ބަލާލިއިރު، އަސްތާ! ކަމަކު ދާކަށް ނެތެވެ. މިކަލޭގެ ފުންމާލައި ރައްކާ ވެއްޖެވެ. ވީގޮތެއް ބަލައިލިއިރު، ނަޝީދު އިސްތިއުފާދިނީއެވެ.

ނަޝީދުގެ އިސްތިއުފާއަކީ އޭނާ ސިފަކުރާގޮތުން ހުތުރުކަން ބޮޑު ބަޣާވާތެކެވެ. ބޮލުގައި ބަޑިޖައްސައި މަޖުބޫރުކޮށްގެން އިސްތިއުފާދިނީއެވެ. ބޮޑު އިންކުއަރީ އިން އެހެން ގޮތަކަށް ދެއްކިއަސް މެއެވެ. ނަޝީދު ސިފަކުރާގޮތުގައި ބަޣާވާތުގެ އިސްތިއުފާ ސިޓީ ރަސްމީ ކުރުވައި، ނަޝީދުގެ ދައުރުގައި ނިމުމުގެ ސިއްކަ ޖައްސުވަން ބާޣީ ނާޒިމާއި ބާޣީ ރިޔާޒު އިސްވެތިބެ ދިޔައީ ރަބީޢީ މަންޒިލް ޝާހިދު ކައިރިއަށެވެ. ޝާހިދު ވަލުދޮރާށިން އެސިޓީ އެތެރެކޮށް ރަސްމީ ތައްގަނޑުއަޅައި، ނަޝީދުގެ ނައިބު ނަގާ ނަޝީދުގެ ގޮނޑިއަށް އިސްކޮށް، ނަޝީދުގެ ވެރިކަމުގައި ނިމުމުގެ ސިއްކަ ޖަހައި، އެބާބު ހަމަ ރަނގަޅަށްވެސް ނިންމައިފިއެވެ.

ދުވަސް ތަކެއް ފަހެވެ. ސިހުންގެނުވީ އެއްކަލަ ރަބީޢީ މަންޒިލް ޝާހިދާއި އޭނާގެ ވަފާދާރު މެންބަރުން އެމްޑީޕީ އާ ގުޅުނު ޚަބަރުތަކުންނެވެ. ފަތުއަޑު ގޮއްވާފައި ޝާހިދާއި އޭނާގެ ޓީމު ގޮސް އެމްޑީޕީއާ ގުޅުމުން މި މޫސުމީ ހަނގުރާމައިގައި އެމްޑީޕީއަށް ފަތަޙަ ލިބިއްޖެކަމަށް ނަޝީދު ހީކުރި ކަހަލައެވެ. އެހެނަސް، އެއީ ނިމުމެއް ނޫންކަމާއި ޕާޓީއަށް ބިރުވެރި، ނުރައްކާތެރިކަން ބޮޑު ކަމެއްގެ ގޮތުގައި ސިފަކުރި މީހުންވެސް ތިއްބެވެ.

ނަޝީދުގެ ތަދުބީރާއި ތަޤުދީރު އެއްކީލި ނުވުމަކީ އާކަމެއް ނޫނެވެ. ޝާހިދާއި އޭނާގެ ޓީމު ނުކުމެ މަދު ދުވަސްކޮޅެއްގެތެރޭގައި އެމްޑީޕީ ޢާންމު މެންބަރުންގެ ހިތް ފަތަޙަ ކުރިއެވެ. އެޓީމު ނުކުމެ ރިޔާސީ އިންތިޚާބުގައި ނަޝީދުގެ ޓީމާ ގުޅި، ރިޔާސީ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓް އިބޫ އަށް ނަގައިދީ ނިމުނުއިރު، ނަޝީދަަށްވުރެ އުހަށް ޝާހިދު އަރައިފިއެވެ. އިބޫގެ ކެބިނެޓަށް ޝާހިދާއި އޭނާގެ ބައިވެރިން ދެމިލިއިރު، ރައްޔިތުންގެ މަޖިލީހަށްވެސް ޝާހިދުގެ ޓީމު ތޮރުފިގެންފިއެވެ.

މަޖިލީހުގައި ޝާހިދުގެ ޓީމު ރުކުރުވާލީ ވަރަށްވެސް ޙީލަތްތެރި ގޮތެއްގައި މީހަކަށް ރޭކާވެސް ނުލާނެހެންނެވެ. މަޖީލުހެ ރިޔާސަތަށް ސަވާރުވެ އިން ނަޝީދަށް ވެސް ކަނޑެއްފަޅެއް ނޭނގޭނެހެންނެވެ. ޝާހިދު އޭނާގެ ޓީމު ދެބަޔަށް ބަހާލައި، އާޒިމުގެ އާރުކާޓީގައި އެއްބަޔަކު ނަޝީދަށް ހިބަކޮށްދިންއިރު، ރޮޒައިނާގެ ޤިޔާދަތުގައި ޓީމުގެ އަނެއްބައި ދިޔައީ އިބޫގެ ބިސްހާއްޔަށެވެ. ބައިބަހާލިއިރު ރޮޒައިނާގެ ފިރިމީހާ ލައްވާލީ އާޒިމާއެކު ނަޝީދުގެ ހާއްޔަށެވެ.

ހައެއް މޭގެ “ރޭވުންތެރި” ގޮއްވައިލުމާއެކު އެމްޑީޕީގެ މަލަރެސް އެކި ގޮތްގޮތަށް އެނބުރި ސެނބުރެން ފެށިއެވެ. އެއާއެކު ނަޝީދާއި އިބޫގެ ހާލީގައި ހުރި ބިސްތައް ފީވެ ފިޔޮއްތައް ނުކުމެ ގޮވަން ފެށިއިރު، އަސްތާ! ކަމަކުދާކަށް ނެތެވެ. ހައްތަހާވެސް އިބޫގެ ބިހެވެ. ދެތިން ގާބިސް ފިޔަވައި ނަޝީދަށް ހަމަ އެކައްޗެއްވެސް ނެތެވެ. ނަޝީދުގެ ހާއްޔަށް ޝާހިދު އެޅުވި ހުރިހާ ބިހަކުން ވެސް ފެޅީ އިބޫގެ ފިޔޮކެވެ. އަޒިމާއި އޭނާގެ ބައިވެރިން ޝާހިދުގެ އޯޑަރަށް ނުކުމެ އަތްދަމާފައި އެޖެހީ ނަޝީދުގެ ކަންފަތްމަތީގައެވެ. އޭރު ޝާހިދު، އޭނާގެ ޖާދޫގެ މުސައްލާގައި ދުނިޔެ ކުޑަކޮށް އުދުހި ނަގަނީއެވެ. ބިނދި ބިނދިފައި ހެމުން ނެވެ. ހީހީފައި އުފާ ކުރަނީއެވެ. ނަޝީދު ފަކީރު އެއިނީ، ވީދެރައާއި ލިބުނު ހިތާމައިގައި ކެތްނުވެވިގެން، މޮޅީންމޮޅިސާލުލައިގެން ގޮސް ލަންޑަނުގައި އެކަހެރިވެ އެކަނި ވެފައެވެ.

ރަބީޢީ މަންޒިލް ޝާހިދު އޮޅުކުރަން ހަދައިގެން ނަޝީދަކަށް ރަބީޢެއް ނައެވެ. އެމްޑީޕީ ފުނޑުފުނޑުވެ މުޅިން ސުންނާފަތިވެއްޖެއެވެ. އެމްޑީޕީގެ ފަލްސަފާއާ ބީރައްޓެހި މުޅީން އައު ރަބީޢަކުން ގެނުވި ޚަރީފަކުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button