ޚަބަރުސިޔާސީ

ތިލަމާލެ ބުރިޖުގެ މަސައްކަތް ލަސްވި ސަބަބަކަށް މިފަހަރު ވީ ބޮޑު ޗުއްޓީ

ތިލަމާލެ ބުރިޖުގެ މަސައްކަތް ނުފެށި ލަސްވި ސަބަބަކީ މިދިޔަމަހުގެ ބޮޑު ޗުއްޓީ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީ އާއި ހަވާލާދީ އޮންލައިން ނޫހެެއް ކަމަށްވާ ”ސަން“ އިން ރިޕޯޓު ކުރިގޮތުގައި ބަންދު ދުވަސްތަކުގެ ސަބަބުން ބުރިޖުގެ އަމަލީ މަސައްކަތް ނުފެށި ލަސްވި ނަމަވެސް މަޝްރޫއާ ގުޅޭ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ދަނީ ކުރިޔަށެވެ.

އެކަމަކު ކޮންޓްރެކްޓްގައި ސޮއިކުރެވޭނެ ސީދާ ތާރީހެއް މިނިސްޓްރީއަށް ނޭނގޭކަން އެނޫހުން ބުންޏެވެ.

ތިލަމާލޭ ބުރިޖުގެ އަމަލީ މަސައްކަތްކުރަން ޖޫން މަސް ނިމުމުގެ ކުރިން ބަޔަކާއި ހަވާލުކުރެވޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޖޫން މަހުގެ 08 ވަނަ ދުވަހުގައެވެ.

ޖޫން މަހުގެ 28 ވަނަ ދުވަހު އޮންލައިން ނޫހެއް ކަމަށްވާ ”އަވަސް“ އަށް ދެއްވި ބަސްދީގަތުމެއްގައި ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ  10 ދުވަހުގެ ތެރޭގައި ބުރިޖުގެ ކޮންޓްރެކްޓްގައި ސޮއިކޮށް އަމަލީ މަސައްކަތްތައް ފެށޭނެކަމަށެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތް ހަވާލު ކުރަން ހަމަޖެހިފައިވަނީ އިންޑިއާގެ އެފްކޮން އިންފްރާސްޓްރަކްޗާ ލިމިޓެޑާ އެވެ. އެކަމަކު އެ ކުންފުނިން ސަރުކާރަށް ބޭންކް ގެރެންޓީ ދޭންޖެހޭ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އެކަމެއް ނުވެއެވެ.

ބްރިޖު މަޝްރޫއަށް 500 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ބޭންކް ގެރެންޓީގެ ގޮތުގައި 100 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭނެއެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތް ހަވާލު ކުރަން އުޅޭ އެފްކޮން އިންފްރާސްޓްރަކްޗާ ލިމިޓެޑަކީ އިންޑިއާއިން މޮރިޝަސްގެ ރަށެއް ކަމަށްވާ އަގަލެގާގައި ސިއްރިޔާތުގައި ހަދަމުންދާ އަސްކަރީ މަރުކަޒުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެވެ. އައްޑޫ ސިޓީ މަގު ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ހަވާލު ކުރީ އެ ކުންފުންޏާއެވެ.

އެފްކޮން އިންފްރާސްޓްރަކްޗަރ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކެމްޕެއިންތަކަށް ފައިސާ ހަރަދު ކުރާ ކުންފުންޏެއް ކަމަށް މީޑީއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި ބަދަލުގައި އެ ކުންފުނިން ގިނަ މަންފާތަކެއް މޯދީ މެދުވެރިކޮށް ހޯދާ ކަމަށް ވެއެވެ.

އަސްލަމް މީގެ ކުރިން ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ މެދާ ހިސާބަށްދާއިރު ތިލަމާލެ ބުރިޖު ފެނުން މައްޗަށް ފެންނަން ހުންނާނެއެވެ. އެކަމަކު އެ މުއްދަތާ ހަމައަށް އެކަން ނުކުރެވޭނެ ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ.

One Comment

  1. ބަލަ ރާޖެ ޓީވީ މެދުވެެރިކޮށް 2023 ހުގެ މެދުތެރޭގަ ތިލަމާލެ ބުރިޖް ފެނުންމަތިން ފެންނަން އެބަހުރި ކަމަށް ރިޕޯރޓް އެއް 3 ވަރަކަށް ފަހަރު ކިޔާލީމަ ރައްޔިތުން ތިބޭނެ ހެވިފަ ެކަން ޤަބޫލުކޮށްގެން ސަޅިއެއްނުން އެގޮތް.

Leave a Reply to އޭކަން ވަޅު Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button