ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަށް އެމްޑީޕީގެ ލީޑާޝިޕް ހަވާލު ކުރުމަށް އިންޑިއާގެ ބީޖޭޕީ ސަރުކާރުން އެދުނު ކަަމަށް މާލެ ސިޓީ ކައުންސިލްގް ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
ދިޗެހި ޗެނަލްގެ ހަވާސާ ޕްރޮގްރާމުގައި ވާހަަކަ ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ އަބްދުﷲ ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ އޭނާ ޑީއާރުޕީގައި އުޅުއްވި ދުވަސްވަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނިވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ކަމުގައެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް އަބްދުﷲ ޝާހިދުގެ ނަން ހިމެނިފައި އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
”އެއީ އިންޑިއާގެ ކެނޑިޑޭޓެއް. އެއީ އެމްޑީޕީގެ ބޭފުޅެއް ނުނެއް ނޫންތޯ. އޭނަގެ ޕާޓީއަކީ އިންޑިއާ ނޫންތޯ. ދެން އިންޑިއާއިން އޭނާއަށް ކޮށްދޭ ކަންތައްތައް ބައްލަވާ. އަޅުގަނޑުމެންނަށްވެސް އިނގޭ ފާރުގައި ލިޔެވިފައި ހުންނަ އެއްޗެހި ކިޔަން.“ އާދަމް މަނިކު ވިދާޅުވިއެވެ.
ސަރަނގު އާދަމް ވިދާޅުވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްފައި ހުއްޓާ އިންޑިއާއިން އޭނާ އަށް ގުޅައިގެން އަބްދުﷲ ޝާހީދަށް އެމްޑީޕީގެ ކޮންޓްރޯލް ދިނުމަށް ނުފޫޒު ފޯރުވިކަން ހާމަކުރައްވާފައެވެ.
”އަޅުގަނޑު އެކަން ގަބޫލު ނުކޮށް ރައީސް ނަޝީދު ކައިރީގަ އެވާހަކަ ދެއްކީ. މިހެން އެބަ ވެޔޭ. ދެން ނަޝީދު ވިދާޅުވީ ތިމަންނާއަށް ކުރިމަތި ނުލެވެންޔާ ރައީސް ސޯލިހޭ އެންމެ ރަނގަޅީ. ތިމަންނާ އަބްދުﷲ ޝާހިދަކަށް އިތުބާރެއް ނުކުރަމޭ.“ އާދަމް މަނިކު ވިދާޅުވިއެވެ.
އާދަމް މަނިކު ވިދާޅުވިގޮތުގައި ރައްޔިތުންނަށް ނޭނގި އުތުރު ތިލަފަޅުގައި އިންޑިއާގެ މިލިޓަރީ ބޭސް އެއް އެޅުމުގެ ކަންތައް ނިންމެވީ ފޮރިން މިނިސްޓަރ ޝާހިދުގެ މަސައްކަތުންނެވެ.