ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ބަޔާން ވަކީލުން ލީކު ކޮށްލިކަމަށް ޕީޖީ ކުރެއްވި ތުހުމަތު ދޮގުކޮށްފި

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބަޔާން ލީކުކޮށްލި ކަމުގެ ތުހުމަތު  އެމަނިކުފާނުގެ ވަކީލުންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ތުހުމަތު ކުރެއްވުމުން ރައީސް ޔާމީންގެ ވަކީލު އާދަމް ޝަމީމް ޕީޖީ ޝަމީމަށް ރައްދު ދެއްވައިފިއެވެ.

އޮންލައިން ނޫހެއް ކަމަށްވާ ”ސަން“ އަށް ޕީޖީ ޝަމީމް ވިދާޅުވީ ރައީސް ޔާމީންގެ ބަޔާން އެމަނިކުފާނުގެ ވަލީލުން ލީކު ކޮށްލުމުގެ ފުުރުސަތު އެބައޮތް ކަމަށެވެ. އަދި ޕީޖީ އޮފީހާއި ފުލުހުންގެ އިދާރާގައި އެބަޔާން އޮންނާތާ އަހަރެއްހާ ދުވަސް ވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

”ސަން“ ގެ މި ހަބަރު ޓުވިޓަރގައި ހިއްސާ ކުރައްވައި ވަކީލު ޝަމީމް ވިދާޅުވީ އެބޭފުޅުން އުޅުއްވަނީ ކުރާނެ ކަންކަން މަދުވެގެން އުޅޭ ބައެއް ނޫން ކަމަށެވެ.

ރައީސް ޔާމީންގެ ބަޔާން ލީކުކޮށްލި މައްސަލައިގައި ޕީޖީ ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވި ނަމަވެސް އޭނާ އެކަން ދޮގުކުރައްވައެވެ. މިކަމާގުޅިގެން ފުލުހުން މިހާތަނަށް އެއްޗެކޭ ނުބުނެއެވެ.

ލީކު ކޮށްލި ބަޔާނަކީ ރިސޯޓުގެ ގޮތުގައި ރ.ފުއްގިރި ތަރައްގީ ކުރަން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް، ފައިސާ ލޯންޑަކުރި ކަމުގެ ތުހުމަތު ކުރެވޭ ދެ ދައުވާއެއްގައި ރައީސް ޔާމީން ފުލުހުންނަށް ދެއްވި ބަޔާނެވެ.

މި ބަޔާން ލީކު ކޮށްލާފައިވަނީ މި މައްސަލައިގެ އިބުތިދާއީ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ހިނގަމުން އަންނަ ދަނޑިވަޅެއްގައެވެ. ބަޔާން ލީކުވެގެން އުޅެނީ ފުލުހުންގެ އިދާރާއިން ކަމެއް، ޕްރޮސްކިއުޓަރ ޖެނެރަލްގެ އޮފީހުން ކަމެއް ނުވަތަ ކޯޓުން ކަމެއް ނޭނގެއެވެ.

މި ބަޔާނުގައި ހުރި ކަންކަން ވަރަށް ތަފްސީލީ ގޮތެއްގައި އާންމުންނަށް ތިލަކޮށްފައިވަނީ ސަރުކާރުގެ އިސް ވެރިންނާ ގާތް ގުޅުމެއް އޮންނަ އޮންލައިން ނޫހެއް ކަމަށްވާ “އަދަދު” ނޫހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button