ޚަބަރުސިޔާސީ

ރައީސް ޔާމީން ހަނު ހުންނެވި ސަބަބު ވަކީލުން އޮޅުންފިލުވައި ދެއްވައިފި

ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަރު ކޮމިޝަނަށް ހާޒިރު ކުރުމުން އެމަނިކުފާނު ހަނު ހުންނެވި ސަބަބު ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އޮޅުންފިލުވައި ދެެއްވައިފިއެވެ.

ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުކޮށް ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ތަހުގީގަށް އެއްބާރުލުން ނުދެއްވައި ހަނު ހުންނަވާފައިވާތީ ހިތާމަ ކުރައްވާ ކަމަށް އެ ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސް ވިދާޅުވެފައިވެއެވެ.

މަރު ކޮމިޝަނުގެ އިދާރާއިން ނިކުމެވަޑައިގަންނަވައި އިއްޔެ ނޫސްވެެރިންނާ ބައްދަލުކުރައްވައި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެ ކޮމިޝަނުން ތަހުގީގުތައް ހިންގަން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ކަން އެ ކޮމިޝަނުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނާނެ ކަމަށެވެ. އަދި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގައި އަދަދު ކަނޑައެޅޭނީ ގަވައިދެއްގެ ދަށުން ކަމަށް ޖިނާއީ އިޖުރާއަތުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ކަން ޖަމީލް ފާހަގަކުރެެއްވިއެވެ.

”އެބޭފުޅުން ކަނޑައަޅާފައި އޮންނަ ގަވައިދު އަޅުގަނޑުމެންގެ އަތުގައި އެބައޮތް. އެގަވައިދެއްގައި ނެތް އެފަދަ އެއްވެސް ކަމެއް.“ ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވިގޮތުގައި ނޫސްވެރިޔާ ރިޟްވާނުގެ ތަހުގީގަށް ރައީސް ޔާމީން އެޅުއްވީ ކޮން ހުރަހެއް ކަމެއް މަރު ކޮމިޝަނުގެ މެންބަރުންނަށް ބުނެއެއް ނުދެވެއެވެ. އަދި އެ މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ތުހުމަތުގެ ތަފްސީލެއް އެ ކޮމިޝަނަށް ބުނެ ނުދެވެއެވެ.

ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް ހޭދަވީ 5 މިނިޓު ކަމަށެވެ. އެ ޓީމުގެ ވަކީލު އާދަމް އާސިފް ވިދާޅުވީ ރައީސް ޔާމީނާ ރިޟްވާނު ގެއްލުވައިލުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް މަރު ކޮމިޝަނުގެ ކުރީގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވި އިރު، އެ ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސް ކައިރީގައި ހުންނެވި ކަމަށެވެ. އެހެން ކަމުން މިސްބާހު އިސްކޮށް ހުންނަވައި މިއަދު އިތުރަށް ކުރަންޖެހޭ ތަހުގީގެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

”މިއީ ހަމަ ސީދާ ސިޔާސީ ކަމެއް. ރިޟްވާން ގެއްލުވައިލި ކަމަށް ބުނާ ތާރީހަކީ އޮގަސްޓް މަހެއްގެ 8 ވަނަ ދުވަސް. އެ ތާރީހު ކައިރިިވާތީ ކޮންމެވެސް ކަހަލަ ވާހަކައެއް މީޑިއާ މެދުވެރިކޮށް ދައްކައިގެން އެ މައްސަލަ އެހެން ދިމާލަކަށް އަނބުރާލަން މިއުޅެނީ.“ އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރިޟްވާން ގެއްލުވައިލި މައްސަލައިގައި ދެމީހެއްގެ މައްޗަށް ދައުވާ ކުރެވުނު ކަމަށެވެ. އެކަމަކު މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުމާލެއަށް ވަޑައިގެންނެވި ކެމްޕެއިން އިވެންޓެއްގައި އެމަނިކުފާނުގެ އަރިހުގައި އެ މައްސަލައިގައި ދައުވާ ކުރި އެކަކު ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

”އޭނާ އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރިމަތިލި ކަމުގެ މައުލޫމާތު ލިބިފަ އެބަހުރި. މި މައްސަލައިގެ އަދުލުވެރިކަން އޮތީ ގެއްލިފަ. ކޮމިޝަން މެންބަރު މިސްބާހުގެ އިންސާފުވެރިކަމާ މެދު އަޅުގަނޑުމެންނަށް ސުވާލު އުފެދޭ. އޭނާ އޮތީ މި މައްސަލައިގައި ރާއްޖެ އެމްވީއަށް ދީފަ.“ އާސިފް ވިދާޅުވިއެވެ.

އާސިފް ހާމަކުރެއްވިގޮތުގައި ވަކީލުން އެކަން ފާހަގަކުރުމުން މިސްބާހު ވަނީ މި މައްސަލައިން ތަނާޒުލުވުމަށް އެއްބަސްވެވަޑައިގެންފައެވެ.

”އަޅުގަނޑުމެން ހުރިހާ ލޯޔަރުންގެ ކުރިމަތީގަ އެއްބަސްވެވަޑައިގެންނެވި އޭނާ ރާއްޖެ އެމްވީއަށް އިންޓަވިއު ދެއްވިކަން. އޭނާ އަމިއްލައަށް ނިންމީ މި ތަހުގީގުން ބޭރުވާން. މިކަމުންވެސް އިނގޭ އޭނާ މެދުވެރިކޮށް ސިޔާސީ ނުފޫޒު މި މައްސަލައަށް ފޯރާފައި އޮތް މިންވަރު.“ އާސިފް ވިދާޅުވިއެވެ.

ވަކީލު އާސިފް ވިދާޅުވީ ރިޟްވާނު ގެއްލުވައިލި މައްސަލައިގެ ތަހުގީގު ކުރުމުގައި ފުލުހުން ފަހަތު ފަޔަށް ބުރަވެފައިވާނަމަ މަރު ކޮމިޝަނުން މި ތަހުގީގު ހިންގުމުގައި ފުލުހުން ބައިވެރި ނުކުރެވޭނެ ކަމަށެވެ. އަދި މަރު ކޮމިޝަން ހިންގާ ތަހުގީގުގައި ކޮމިޝަނުގެ މެންބަރުން ފިޔަވައި އިރުރު ފަރާތެއް ބައިވެރި ނުކުރެވޭނެ ކަމަށް އެ ކޮމިޝަނުގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ކަން އޭނާ ފާހަގަކުރެއްވިއެވެ.

”މިސްބާހު ތަހުގީގު މަޖިލިސް ދޫކޮށް ނިކުތް ފަހުން ކޮމިޝަނަށް އަލަށް އައްޔަން ކުރި އަހުމަދު ނާޝިދު އައިސް ބުނެފި ތަމަނާނާ މި ނިންމީ އޭ މިތަނުގައި ހުރެވޭނީ އެންމެ ވަކީލަކަށޭ. ފުރަތަމަ އެއް ވަކީލޭ، ދެން ދެ ވަކީލޭ އަދި ތިން ވަކީލޭވެސް ބުނި.“ އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ ގާނޫނޫ އަސާސީގެ 53 ވަނަ މާއްދާގައި ބުނާ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު އެގޮތަށް އޮތަސް މުފުރަދުކޮށް ނުވަތަ ސިންގަލް ކޮށް އޮންނަ ކޮންމެ ކަމެއް ޕްލޫރަލްކޮށް މާނަ ކުރެވޭގޮތަށް ގާނޫނު އަސާސީގައި އޮންނާން ކަމަށެވެ.

”އެއް ވަކީލެއްގެ ވާހަކަ އޭގައި އޮތަސް ކޯޓުތަކުގައިވެސް އެއޮތީއޭ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވެސް އެއޮތީއޭ އިނގޭތޯ. 51 ވަނަ މާއްދާގައި އެ އޮތީއޭ. އެބޭފުޅެއްގެ ކެރި ފޯރުންތެރިކަން ހުންނަ މިންވަރަކުން އެއް ވަކީލަށްވުރެ ގިނަ ވަކީލުން ގެނެވޭނެ. ސުޕްރީމް ކޯޓުގައިވެސް ކްރިމިނަލް ކޯޓުގައިވެސް ކުރިޔަށް ދަނީ މިގޮތަށް.“ އާސިފް ވިދާޅުވިއެވެ.

އެއް ވަކީލަކަށް ހުރެވޭނެ ކަމަށް ކޮމިޝަން މެންބަރު ނާޝިދު ނިންމެވި ނިންމެވުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށް ވިދާޅުވިކަން އާސިފް ފާހަގަކުރެއްވިއެވެ. އެގޮތަށް ނާޝިދު ވިދާޅުވުމުން އެ މައްސަލަ އިސްތިއުނާފް ކުރަން އެދުނު ކަމަށާއި އެކަމާ ގުޅޭ ލިޔެކިޔުންތައް ދެއްވުމަށް އެދުނު ކަމަށް އާސިފް ވިދާޅުވިއެވެ. އެކަމަކު ލިޔެކިޔުމުން އެކަން އަންގައި ހަވާލު ކުރަން ނުޖެހޭނެ ކަމަށް ނާޝިދު ވިދާޅުވިކަން ވަކީލު އާސިފް ފާހަގަކުރެއްވިއެވެ.

”ފުރަތަމަ ނިންމީ ލިޔެކިޔުމުން ދޭކަށް ނުޖެހޭނެއޭ. ފަހުން ލިޔެކިޔުން ދޭން ޖެހިއްޖެއްޔާ ދޭނަމޭ.“ އާސިފް ވިދާޅުވިއެވެ.

އެ ހިސާބުން ރައީސް ޔާމީންގެ ރައްކަލަށްޓަކައި ވަކީލު އަބްދުﷲ ޝިޔާޒު އެމަނިކުފާނުގެ އަރިހުގައި ހުންނެވުމަށް ނިންމުމަށްފަހު އެހެން ވަކީލުން ބޭރަށް ނިކުމެ ހިމޭން އިހުޖިޖާޖު ކުރަން ޖެހުނީ ކަމަށް ވަކީލުން ވިދާޅުވިއެވެ.

ރައީސް ޔާމީން ހަނު ހުންނަވަން ޖެހުނީ ސީދާ ކީއްވެތޯ ”ބޮންތި“ އިން ވަކީލުންގެ ޓީމާ ސުވާލު ކުރުމުން ވަކީލު އާސިފް ވިދާޅުވީ ރައީސް ޔާމީންގެ ވަކީލުން ބޭރަށް ނެރެފަ އެމަނިކުފާނާ އިތުރަށް ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 51 ވަނަ މާއްދާގައި ކުށެއްގެ ތުހުމަތު ކުރެވޭ ފަރާތް ތަމްސީލް ކުރާނެ ވަކީލުންގެ އަދަދެއް ބަޔާން ކޮށްފައެއް ނުވެއެވެ.

One Comment

  1. މިދާވަރުން ވިއްޔާ އެންމެ ވަކީލެއް ވެސް ނުލިބޭނެ އަދި ރޔާމީން ސަރުކާރުގާ ތަހުގީގު ކުރި މީހާ ހއެއްކެއްގެ ގޮތުގާ ރޔާމީނާ ދެކޮޅަށް ހެކިވެސްްްް ދޭނެ، މި ޔަހޫދީ އަނިޔާވެރި ސަރުކާރަކީ ފާސިގުން ހެކިންގެ ގޮތުގާ ދައްކައިގެން ހެކި ހޯދާ ބައިގަނޑެއް އުޅޭ ސަރުކާރެއް.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button