ރައީސް އިބްރާޙީމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވެލާނާގެ އާއި އޮލިމްޕަސް ރަހުނު ކުރުމަށް ފިނޭންސް މިނިސްޓްރީއިން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅަކާ ހަވާލާދީ އޮންލައިން ނޫހެއް ކަމަށްވާ ”ވޮއިސް“ އިން ރިޕޯޓުކުރިގޮތުގައި މި ދެ އިމާރާތް ރަހުނުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތުތައް ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީއިން އަންނަނީ ކުރަމުންނެވެ. އެގޮތުން އެކަމާ ގުޅުންހުރި އިދާރާތަކަށް އެ މިނިސްޓްރީއިން ސިޓީ ފޮނުވާފައި ވެއެވެ.
ރައީސް ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދުމުގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ބިނާކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުވެސް ރަހުނުކޮށްފައި ވެއެވެ.
އެގޮތުން މާލީ ވަޒީރު އިބްރާހީމް އަމީރު ރައީސް ސޯލިހަށް މީގެ ކުރިން ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓަށް 300 މިލިއަން ޑޮލަރު ހޯދުމަށް އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވޮލޮޕްމެންޓު އޮފް ދި ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާއެކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕާޕަސް ވެސަލެއް (އެސް.ޕީ.ވީ) އުފައްދައި، އެ އެސްޕީވީގެ މިލްކުވެރިކަމުގެ ދަށަށް، ސުކޫކުގެ އަގުގެ 51 އިންސައްތައަށްވުރެ މަތިން އަގުކުރެވޭ އެސެޓެއް ދައްކަން ޖެހޭ ކަމުގައެވެ.
އެހެންކަމުން ދަރުމަވަންތައިގެ 100 އިން ސައްތަ އަގުމަގުކޮށްފިނަމަ 600 މިލިއަން ޑޮލަރަށް އަރާނެއެވެ.
ދައުލަތުގެ މާލީ ހާލަތު ގޯސްވެފައިވާއިރު ރައީސް ސޯލިހު ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އިގްތިސާދީ ބޫމެއް އަންނާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އެހެން ނަމަވެސް މިއަހަރު ދެބައިވިއިރުވެސް ރައީސް ވިދާޅުވި ބޫމެއް ނާދެއެވެ.