ޚަބަރުސިޔާސީ

މިއަދު ފެނިގެންދިޔައީ އެމްޑީޕީއިން ބޭނުންވާ ގޮތަށް ދައުވާތައް ކުރާ ޕީޖީއެއްގެ ހާލަތު: ޑރ.ޖަމީލް

އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރެވޭ ޝަރީއަތުން ފެނިގެންދަނީ އެމްޑީޕީއިން ބޭނުންވާ ގޮތަށް ދައުވާތައް ކުރާ ޕްރޮސެކިއުޓަރ ޖެނެރަލެއްގެ ހާލަތު ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވީ މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ އަޑު އެހުމަށްފަހު ޗެނަލް-13 އަށް ދެއްވި އިންޓަވިއުއްގައެވެ.

ޖަމީލް ވިދާޅުވިގޮތުގައި ޕީޖީ ހުސެއިން ޝަމީމްގެ ފަރާތުން ދައުލަތުގެ ޕީޖީއެއްގެ ސިފަތަކެއް ނުފެނެއެވެ. ރައީސް ޔާމީން ދަތުރު ކުރައްވަމުން ގެންދެވި ރިޔާސީ ލޯންޗުކޮޅު ކަމަށްވާ ފިނިފެންމާ ލޯންޗު ގޮއްވާލި ކަމުގެ އެންމެ ބޮޑު ތުހުމަތު ކުރެވޭ އެއް ފަރާތް ކަމަށްވާ އަދީބާއި ޕީޖީ އާއި ދެމެދު އެއްބަސްވުމެއް ހަދައި، އެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިޔަކަން ޖަމީލް ފާހަގަކުރެއްވިއެވެ.

”ބައްލަވާ ރައީސް ޔާމީންގެ މައްޗަށް މި ދެންނެވީ ލޯންޗުކޮޅު ތެރޭގައި ހިންގާލި ބޮމުގެ ހަމަލާ. އެހަމަލާ ހިންގި ފަރާތަށް ޕޮރޮސެކިއުޓަރ ޖެނެރަލް މިއޮތީ އެއްވަސްވުން ހަދައި، އޭނާ ކުރި އަމަލު އަނބުރާ ގެންގޮސްފަ. އެމްޑީޕީގެ ސަރުކާރު ބޭނުންވާ ގޮތަށް ހަރަކާތްތައް ހިންގާ ޕީޖީއެއް ހުރުމަކީ ދިވެހި ރާއްޖޭގެ ދުސްތޫރާ ކަނޑައެޅިގެން ހިލާފުކަމެއް.“ ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން އަދީބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަމިއްލަ އިއުތިރާފް އޮތް ބޭފުޅަކަށްވެފައި، ޔާމީނާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ދައުލަތުން މީގެ ކުރިންވެސް އަދީބު ބޭނުންކުރި ފަދައިން މިހާރު އުފުލާފައިވާ ދެ ދައުވާގެ ހެއްކެއްގެ ގޮތުގައި އޭނާގެ ނަން ބޭނުން ކުރާތީ ޖަމީލް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

”މިއަދުގެ ޝަރީއަތުގައި އާ ވާހަކައެއް އަޑެއް ނީވޭ. އަދީބާއި ޒިޔާތު ނޫން ނަމެއް ނެތް. މި ދެމީހުންނަކީ ދެ ފާސިގުން. ދޮގު ހަދާފައިވާ މީހުން. ކަނޑައެޅިގެން ރައީސް ޔާމީންގެ އަދުއްވުން. ދުޝްމަނުން. އިސްލާމީ ޝަރީއަތާ މިޒަމާނުގެ ގާނޫނުތަކަށް ބެލިޔަސް އެއްވެސް ގާނޫނީ ހުއްޖަތެއް މި މީހުންގެ ހެކިބަހަކަށް ބުރަދަނެއް ނުނެރެވޭނެ.“ ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވޮގޮތުގައި ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން 86 ހެކި ހުށަހެޅި އިރު، އެކަން ސިފަވީ ލައިބްރަރީގައި ހުރި ފޮތްތަކެއްގެ ނަން ކިޔާ ގޮތަށެވެ.

ރިސޯޓުގެ ގޮތުގައި ރ.ފުއްގިރި ތަރައްގީ ކުރަން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް، 1.1 މިލިޔަން ޑޮލަރު ލޯންޑާކުރި ކަމުގެ ތުހުމަތާ ގުޅޭ ޝަރީއަތުގެ އިބުތިދާއީ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލު ކުރީ މިއަދު ހެނދުނު 09:00 ގައެވެ. އެކަމަކު އަޑު އެހުން ފެށުނީ 11 ޖަހަން ކައިރިވީ ފަހުންނެވެ.

މިއަދުގެ އަޑު އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ރައީސް ޔާމީނާ ދެކޮޅަށް 86 ހެކި ހުށަހަޅާފައެވެ. އެއީ ޝަފަހީ ހެއްކިތަކާއި ކިތާބީ ހެކިތަކެވެ. ޔާމީންގެ ފަރާތުން ދިފާއުގައި 30 ހެކި ހުށަހެޅިއެވެ. އެއީ 5 ޝަފައީ ހެއްކަކާއި 25 ކިތާބީ ހެއްކެކެވެ. ޝަފަހީ ހެކީގެ ގޮތުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ އިތުރުން ޔާމީންގެ ވެރިކަމުގައި ސިޔާސީ މަގާމެއްގައި ހުންނެވި ޝުއާއުﷲ ސައީދުވެސް ހިމެނެއެވެ.

ރައީސް ޔާމީންގެ ފަރާތުން ވަނީ އެމްއެމްޕީއާރުސީގެ ބައެއް ލިޔެކިއުންތަކާއި، ޓޫރިޒަމް މިނިސްޓްރީގެ ބައެއް ލިޔެކިއުންތަކުގެ އިތުރުން ރައީސް އޮފީހުގެ ބައެއް ލިޔެކިއުންތައް ނެރުމުގެ އަމުރަކަށް އެދިފައެވެ. އެއީ ޔާމީނާ ދެކޮޅަށް ހެކީގެ ގޮތުގައި ދައުލަތުން ބޭނުން ކުރުމަށް ނިންމާފައިވާ ހެކިތަކެކެވެ. އަދި ޔާމީންގެ ދިފާއީ ވަކީލު އަބްދުﷲ ޝިޔާޒު ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ސިޓީއެއް މެދުވެރިކޮށް އެ ލިޔެކިޔުންތައް ހޯދުމަށް ކޯޓުގައި އެދިފައިވާކަން މިއަދުގެ އަޑު އެހުމުގައި ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެގޮތަށް އަމުރެއް ނެރެދޭވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޯޓުގެ އުސޫލުގެ ތެރޭގައިވާ ފޯމު މެދުވެރިކޮށް ކަމަށެވެ. ދައުލަތުގެ ފަރާތުން ވަނީ ރައީސް ޔާމީންގެ އާމްދަނީއާ ނުބައްދަލު ފައިސާ އާއި މުދާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް މިއަދުގެ އަޑުއެހުމުގައި އެދިފައެވެ. އެކަމަކު އެ ކަމަކަށް ޝަރީއަތުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 09:00 ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button