ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެނބުރި ޕީޕީއެމާ ގުޅިވަޑައިގެންފިއެވެ.
މުހައްމާ ޕީޕީއެމަށް ސޮއި ކުރެއްވީ ޕީޕީއެމް އޮފީހުގައި މިހާރު ކުރިޔަށް ދާ ހާއްސް ރަސްމިއްޔާތުގެ ތެރެެއިންނެވެ. އޭނާގެ ފޯމާއި ހަވާލުވެވަޑައިގަތީ އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުހައްމާ ވަނީ ޕީޕީއެމް ދޫކޮށް އެމްޑީޕީގެ ކޯލިޝަނަށް ދެވުނީތީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އިހަވަންދޫ ދާއިރާގެ ރައްޔިތުންނާއި ޕީޕީއެމް ޕީއެންސީގެ މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ.
”އަޅުގަނޑަށް ވަރަށް ގިނަ ބަޔަކު ވިސްނައިދިން. އަޅުގަނޑުގެވެސް ހަގީގީ ވިސްނުމަކީ ޕީޕީއެމްގެ ވިސްނުން. އެހެން ވިސްނުމަކަށް ދެވުނީތީ ހިތާމަ ކުރާ ހާލު ނިހާޔަތަށް މާފަށް އެދެން.“ މުހައްމާ ވިދާޅުވިއެވެ.
މުހައްމާ އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުގެ މުވައްޒަފުންތަކަކަށް ރިޝްވަތު ހުށަހެޅިކަމުގެ މައްސަލައިގައި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ބޭފުޅެކެވެ. އެއާއެކު އޭނާ ވަނީ އެމްޑީޕީ ކޯލިޝަނާ ގުޅިވަޑައިގެން ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.