ޚަބަރު

ގިރާވަރާއި ގުޅިފަޅުން ގޯތި ލިބުނު ބައެއް މީހުން އެގްރީމެންޓުގައި ސޮއިނުކޮށް ގޯތި ދޫކުށްލަން ނިންމައިފި

ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް މީހުން އެގްރީމެންޓުގައި ސޮއިނުކޮށް ގޯތި ދޫކޮށްލަން ނިންމައިފިއެވެ.

ގިރާވަރު ފަޅުން ގޯތި ލިބުނު މީހަކު ”ބޮންތި“ އަށް ކިޔައިދިންގޮތުގައި އޭނާއަށް ގޯތި ލިބުނު ކަމަށް ސަރުކާރުން ބުންޏަސް ފަޅެއް ދެއްކުމަށްފަހު، އެ ފަޅު ހިއްކުމުގެ މަސައްކަތް އިންތިހާބާ ދިމާކޮށް ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވޯޓު ހޯއްދެވުމަށް ޖެއްސެވި މަޅިއެކެވެ.

”އެއޮތީ ކޮންނަ ބޯޓު ގެނެއްސަ ހިއްކާން ފަށާފަ. ކޮން ދަޅައެއް ދައްކަން. ތިހެން އިންތިހާބާ ދިމާކޮށް ރަށްރަށަށް ހައިމާކާ ތާރުއަޅާ މެސެނުވެސް ގެންދިޔަ. ކުރަން ފެށިކަމެއް ވިއްޔާ ފެށީ އިންތިހާބުތަކާ ދިމާކޮށް ވޯޓު ހޯދަން. ހެޔޮފުޅުވެގެނެއް ނޫން.“ އެމީހާ ކިޔައިދިނެވެ.

މީގެ އިތުރުން އެނާ ތުހުމަތުކުރާގޮތުގައި ހުޅުމާލެއިން ގޯތި ލިބުނު ގިނަ މީހުނަކީ އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. އަދި ގިރާވަރު ފަޅުންނާއި ގުޅިފަޅުން އާންމުންނަށް ގޯތި ދިނީ ރައީސް ސޯލިހުގެ އަރިސް ބޭފުޅުންނަށް ހުޅުމާލެއިން ގޯތި ދިނުމަށް ކަމުގައެވެ.

”ނުވެސް ހިއްކާ އޮތް ފަޅެއް ދައްކާފަ މިއީ ގޯއްޗޭ ބުނާއިރު، މިހާރުވެސް ރައީސް މީހާ އެކިޔަނީ ގޯތި ދީފީމޭ، އެކަމަކު ދެވަނަ ދައުރެއް ދިނީމައޭ. ދެވަނަ ދައުރެއް ދިނީމާ ބުނާނީ ވެރިކަން ނިމޭއިރު ވަދެވޭވަރުވާނެ އޭ.“ އެމީހާ ބުންޏެވެ.

ގޯތި ލިބުނު ފަރާތްތަކުގެ ތެރޭގައި މާލޭގެ 8 ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުންވެސް ހިމެނެއެވެ. އޭގެތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އަށްވެސް ވަނީ މާލެއިން ގޯތި ލިބިފައެވެ. ނާޝިޒް އަކީ ރައީސް ސޯލިހުގެ އަރިސް ބޭފުޅެއްގެ އިތުރުން އެމަނިކުފާނުގެ ރިޔާސީ އިންތިހާބީ އޭޖެންޓެވެ.

ރޮޒެއިނާ އާއި ނާޝިޒަށް ގޯތި ލިބުނުއިރު ދެބޭފުޅުންނަކީ މަހުޖަނުންނެވެ. ނާޝިޒްގެ އާއިލާގެ ރިސޯޓްތައް ހުރިއިރު، ރޮޒެއިނާގެ އާއިލާ ވިޔަފާރި ޑޮނާޑް އަކީ މިލިއަނުން ފައިސާ ވަންނަ މަޝްހޫރު ކުންފުންޏެކެވެ.

ގިރާވަރާއި ގުޅިފަޅު ހިއްކަން މިހާރު ފަށާފައިވާއިރު، އެމަސައްކަތް ކުރަމުންދަނީ ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުނިންނެވެ. އެކަމަކު ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފަޅުހިއްކުމަށް ގެނައި މަހާޖައްރާފުގެ ބޭނުން ނުހިފާ ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ސަރުކާރުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު މިހާރު އާންމުކޮށްފައިވާއިރު، އެމީހުންނަށް ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިން އަލަށް ހިއްކާ ސަރަހައްދުންނާއި ގުޅީފަަޅާއި ގިރާވަރު ފަޅުންނެވެ. ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން 5,000 ގޯތި އިއުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ސަރުކާރުގެ ވައުދުގެ ދަށުން 5،000 ގޯތި ދޭން ނިންމާފައިވަނީ 10،314 ފަރާތްތަކަށް ކަމަށެވެ. އޭގެ ތެރޭގައި ޖޮއިންޓް އަދި ސިންގަލް އެޕްލިކޭޝަންތައް ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުން ޖޫން 26 ގައި އާންމުކުރި ހިސާބުތަކުން ދައްކާގޮތުން ގޯއްޗަށް 23،088 މީހަކު ކުރިމަތިލިއިރު، އޭގެ ތެރެއިން 19،955 މީހަކު ޝަރުތު ހަމަވެއެވެ. އަދި އެ މީހުންގެ ތެރެއިން މި ފަހަރު ގޯތި ދީފައިވަނީ 10،314 މީހުންނަށެވެ. އެކަމަކު ސަރުކާރުން ހުޅުމާލެއިން ދެވޭނެ ކަމަށް މިހާރު ނިންމާފައިވަނީ އެންމެ 1،556 ގޯއްޗެވެ. އަދި ސަރުކާރުގެ ޕްލޭން ކަމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ގިރާވަރު އަދި ގުޅީފަޅުން 1،517 ގޯތި ދިނުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button