ރެއާލް މެޑްރިޑްގެ ތަޖުރިބާކާރު ޑިފެންޑަރު ރަފެއެލް ވެރާންް އެ ކުލަބު ދޫކޮށް އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓަޑާ ގުޅެން ނިންމައިފިއެވެ.
ބޭރުގެ ރިޕޯޓުތަށް ބުނާ ގޮތުން ވެރާން މެންޗެސްޓާ އާއި ގުޅުމަށް ހަަމަޖެހިފައިވަނީ 50 މިލިއަން ޔޫރޯ އަށެވެ. ވެރާން ވަނީ ދުނިޔޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކުލަބު ކަމުގައިވާ ރެއާލަށް 10 އަހަރު ދުވަހު ކުޅެފައެވެ.
28 އަހަރުގެ ކުޅުންތެރިޔާ ވަނީ ރެއާލާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. 18 މުބާރާތެއްގެ ޗެމްޕިއަންކަން ރެއާލާއެކު ވެރާން ވަނީ ހޯދާފައެވެ. އެގޮތުން ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބް ފުޓުބޯޅަ މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގު ރެއާލާއެކު 4 ފަހަރު ކާމިޔާބު ކުރުމާއި ލަލީގާ 3 ފަހަރެއްގެ މަތިން ކާމިޔާބުކުރުން ފާހަގަ ކޮށްލެވެއެވެ.
ވެރާން ވަނީ ފްރާންސްގެ ގައުމީ ޓީމާއި އެކު ވެސް ބޮޑަތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރުން ފާހަގަކޮށްލެވެއެވެ.
ވެރާންގެ މި ވަކިވެ ދިއުމަކީ ރެއާލުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް ވެސް ބޮޑު ހިތާމައަކަށް ވެގެން ދާނެއެވެ. މީގެ 2 ހަފްތާ ކުރިން ވެރާން އާއި އެކު ރެއާލުގެ ޑިފެންސުގައި އެންމެ އިސް ރޯލެއް އަދާ ކުރި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސް ވެސް ވަނީ ފްރާންސުގެ ޕީއެސްޖީއަށް ބަދަލުވެފައެވެ.