ޚަބަރުސިޔާސީ

ޖަމީލް މައުމޫނަށް: ހައްގު ބަސް ވިދާޅުނުވާނީ ހަސީލަތް ނުބައި ވީމަ!

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ހައްގު ބަސް ވިދާޅު ނުވާނީ އެމަނިކުފާނުގެ ހަސީލަތް ނުބައިކަމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިފަދައިން މައުމޫނަށް ރައްދު ދެއްވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޖަލު ހުކުމަށް ތާއީދު ކުރައްވާ މައުމޫން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަފުޅު ދެެއްކެވުމާ ގުޅިގެންނެވެ. ޖަމީލް ވިދާޅުވިގޮތުގައި ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރި ނޫންކަމާއި، ގާނޫނީ ބޮޑެތި ގޯސްތައް ހުރިކަން ސާފެވެ.

”ހައްގުބަސް ވިދާޅުވާން ރައީސް މައުމޫނަށް ކެރިވަޑައިނުގަތުމުން ހިތާމަކުރަން. މިވާހަކަތައް ވިދާޅުނުވުމުން ފެންނާނީ ނުބައި ހަސީލަތް.“ ޖަމީލް ވިދާޅުވިއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ޖަލު ބަންދެއްގައި ކަމަށެވެ. އަދި ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫނު ވިދާޅުވީ ރައީސް ޔާމިނަށް ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށް ފުރުސަތު ލިބެން ޖެހޭނެ ހަމަ އެކަނި ގޮތަކީ މިހާރު ކޯޓުންކޮށްފައިވާ ހުކުމް ބާތިލްކުރުން ނުވަތަ އެހެން ގޮތަކުންވިއަސް މިނިވަން ވުމެވެ.

މައުމޫނު ވިދާޅުވިގޮތުގައި ރައީސް ޔާމިނަށް މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކަވާ ސިޔާސީ މަސައްކަތް ނުކުރެއްވޭނެ އެވެ. ރައީސް މައުމޫނަކީ ރައީސް ޔާމިންގެ އެއްބަފާ ކޮއްކޯފުޅެވެ. އެކަމަކު 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ޖުޑިޝަރީ ތެރެއިން ގެންނަން އުޅުނު ބަޣާވާތުގެ އަޑީގައި މައުމޫން ހުންވިކަމަށް ސާބިތުވެ އެމަނިކުފާނު ޖަލަށް ލެވުނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button