ޚަބަރުސިޔާސީ

ފައިބަރު މަސައްކަތްކުރާ ފަރާތްތަކަށް ކުރިއަށް އޮތް 6 މަސް ތެރޭ ބިން ލިބޭނެ: ރައީސް

ވިލިމާލޭގައި ފައިބަރު މަސައްކަތްކުރާ ފަރާތްތަކަށް، އެ މަސައްކަތްކުރުމަށް އެހެން ސަރަހައްދަކުން ކުރިއަށް އޮތް 6 މަސް ތެރޭ ބިން ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި ކުރިއަށްދިޔަ ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފައިބަރުގެ މަސައްކަތަކީ ސިއްހަތަށް ނުރައްކާތެރި މަސައްކަތެއް ކަމަށެވެ. އެހެން ކަމުން، އެ މަސައްކަތް ކުރުމަށް އެންމެ އެދެވިގެންވަނީ ވަކި ސަރަހައްދެއްގައި ކަމަށް ވުމުން، ފައިބަރު މަސައްކަތް ކުރާ ފަރާތްތަކަށް ކުރިއަށްއޮތް 6 މަސް ދުވަހުގެ ތެރޭގައި ތިލަފުށިން ބިން ދޫކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ވިލިމާލޭގެ ތަރައްގީއާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ. އެގޮތުން ވިލިމާލޭގައި އަޅާފައި އޮތް ތެޔޮ ބޯޓުތައް ނުނެރެވުނީ މިދިޔަ ސަރުކާރުން އެކަމަށް އިހުމާލުވުމުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ވިލިމާލޭގެ ރައްޔިތުންގެ އެދުމަކީ އިމާރާތް ކުރުމުގެ ގަވާއިދަށް ބަދަލުގެނެސް، ވިލިމާލޭގެ އިމާރާތްތައް 10 ބުރިއަށް އުފުލުމުގެ ގާނޫނީ ހުއްދަ ލިބުންކަމަށާއި އެ ކަމަކީ މާލެ ސިޓީ މޭޔަރުކަމުގެ މަގާމުގައި ރައީސް ޑރ. މުއިއްޒު ހުންނެވިއިރު ކުރަން މަސައްކަތްކުރި ކަމެއް ކަމުގައި ވީނަމަވެސް، އެ މަސައްކަތަށް ކުރީ ސަރުކާރުން އެއްބާރުލުން ނުދިނުމުން ގަވާއިދަށް ބަދަލު ނުގެނެވުނީ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، ވިލިމާލެ ތަރައްގީކުރުމަށް އެމަނިކުފާނު ނިންމެވި، ބޯހިޔާވަހިކަމުގެ މަޝްރުއު ފަދަ އެތައް ކަމަކަށް އޭރުގެ ސަރުކާރުން ހުރަސްއަޅާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވިލިމާލޭގައި 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލެއް އަޅައިދެއްވާނެކަމަށެވެ. އަދި އެ ޓާޝިއަރީ ހޮސްޕިޓަލެއްގައި ހުންނަ ހުރިހާ އެކިއުޕްމެންޓުތަކެއް ހަމަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ މުހިއްމު ވަގުތެއްގައި ވިލިމާލޭގެ ރަށްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ، މި ސަރުކާރުގެ ތާއީދާއި އެކު ކުރިމަތިލާފައިވާ އާޒިމާ ޝަކޫރު ހޮވުން ކަމަށް ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button