ޒުވާނުން ބޭއްވި ސައިކަލު ބުރު ހުއްޓުވުމަށް ސަރުކާރުން ފައިސާ ދިން ކަން ހާމަވެއްޖެ!

ހުކުރު ދުވަހުގެ ހަވީރު ލާމު އަތޮޅު ގަމު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ ޒުވާނުން ކުރިއަށް ގެންދިޔަ ސައިކަލު ބުރު ހުއްޓުވައި ހުރަސްއެޅުމަށް ސަރުކާރުގެ އިސްވެރިން ފައިސާ ދިންކަން ”ބޮންތި“އަށް އިތުބާރުހުރި މަސްދަރަކުން ކަށަވަރު ކޮށްދީފިއެވެ.
އެ ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކު ”ބޮންތި“ އަށް އަށް މައުލޫމާތުދިން ގޮތުގައި އެ ސައިކަލު ބުރަކީ ޒުވާނުންގެ ޝުއޫރުތައް ފާޅުކުރުމަށްޓަކައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
”މި ސައިކަލު ބުރަކީ ސަރުކާރާ ދެކޮޅަށް ބޭއްވި ސައިކަލު ބުރެއް ނޫން. މިއީ ޒުވާނުންގެ ޝުއޫރުތަށް ފާޅު ކުރަން ބޭއްވި ސައިކަލު ބުރެއް. ހޮސްޕިޓަލް ޓާޝަރީ ކޮށްދޭން ބުނެފަ އެކަމެއް ނުކޮށްދޭ. ގޯތި ނުލިބިފަ އެތައް ޒުވާނުންނެއް އެބަތިބި. ކުޅިވަރު ކުޅޭނެ އިންތިޒާމު ހަޖަމަޖައްސައެއް ނުދޭ. އެކަން ކަމާއި ގުޅޭ ޝުއޫރު ފާޅު ކުރަން އަސްލު މި އިވެންޓް ބޭއްވީ“ އޭނާ ބުންޏެވެ.
މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހުރަސްއެޅުމަށްޓަކައި އެމްޑީޕީގެ ބޮޑުން މަސައްކަތް ކުރިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި އެ ހަރަކާތް ހުއްޓުވުމަށްޓަކައި ފައިސާ ބެހިކަންވެސް އޭނާ ވަނީ ”ބޮންތި“ އަށް ކަށަވަރު ކޮށްދީފައެވެ.
”މި ހަރަކާތް ހުއްޓުވަން އެމްޑީޕީގެ އެތެރެއިން ވަރަށް މަސައްކަތް ކުރި. ކުދިންނަށް ފައިސާ ވެސް ދިން. މިނިސްޓަރ ފައްޔާޒު މިކަމުގެ އަޑީގަ ހުރިކަމަށް ވަރަށް ބޮޑަށް ބެލެވޭ.“ އޭނާ ބުންޏެވެ.
ހަރަކާތުގެ ބައިވެރިއަކު ބުނިގޮތުގައި މި ސައިކަލު ބުރު ހުއްޓުވުމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ފައިޒާގެ ނުފޫޒު ފޯރުވާފައިވެއެވެ. ސަރުކާރުން ރަށްރަށަށް ކޮށްދޭން ބުނި ގިނަ ކަންކަން ނުވާކަން ފާހަގަކޮށް ގިނަ ރަށްރަށުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.