ޚަބަރު

ނަޝީދަށް ދެވުނު ބޮމުގެ ހަމަލާގެ މައްސަލަ ފުލުހުން ބަލަމުންދަނީ ރަނގަޅަށް: ރޮޒެއިނާ

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މެއި މަހުގެ 6 ވަނަ ދުވަހު ދެވުނު ބޮމުގެ ހަމަލާގެ މައްސަލަ ފުލުހުން ބަލަމުން އަަންނަނީ ރަނގަޅަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިފަދައިން ވިދާޅުވީ ރައީސް ނަޝީދަށް ދެވުނު ބޮމުގެ ހަމަލާ އާއި ގުޅޭގޮތުން ފުލުހުން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓުވީޓެއްގައެވެ.

”ފުލުހުންގެ ޕްރެސް ކޮންފަރެންސް އެބަ އިނގޭ މީގެ ކުރިން މި ގައުމުގައި ހިނގާފައި ހުރި ކަން ބަލާފައިވާ ގޮތާއި ހިލާފަށް ނަޝީދުގެ މައްސަލައިގައި ޓައިމްލީކޮށް، ބައިނަލްއަގްވާމީ މާހިރުންގެ އެހީތެރިކަމާއެކު ރަނގަޅަށް ބެލެމުން ދާކަން.“ ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާގެ ޓުވީޓުގައިވާގޮތުން ޑރ.އަފްރާޝީމް އަލީގެ މަރާއި، ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި، ބްލިގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ފުލުހުން ރަނގަޅަށް ބެލިފައެއް ނުވެއެވެ.

މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ނަޝީދަށް ދިން ހަމަލާއަކީ އެއްވެސް ބަޔަކު ފަންޑް ކޮށްގެން ހިންގި ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށް ބުނެފައެެވެ. އަދި މިމައްސަލައަކީ އިނާމް ފައިސާ ދީގެން ދިން ހަމަލާއެއްގެ ގޮތުގައި ނުބެލެވޭ ކަމަށާއި، މިއީ ނަފްރަތާއި އަދާވާތްތެރިކަމުގެ ތެރެއިން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ނަޝީދަށް ދެވުނު ހަމަލާގެ އިސް އެކަކު ކަމަށްވާ އަބްދުﷲ އަލި މަނިކު ޖަލުން މިނިވަން ކުރި ކުރުމާ ބޮމުގެ ހަމަލާ އާއި ގުޅުވައި ތަހުގީގު ނުކުރާ ކަމަށެވެ. އޭނާ ދޫކޮށްލުމުގައި ރައީސް އޮފީހާއި ކަރެކްޝަންސް އާއި ކުރި މުއާމަލާތްތަކަކީ މި މައްސަލައިގެ ތެރޭގައި ނުބަލާ ކަމެއް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އަބްދުﷲ އަލި މަނިކު މެން ފަދަ މީހުން ދޫކޮށްލުމުގެ ސަބަބުން މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ އެރުވިކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ރައީސަށް އެފަދަ ލަފާ އަރުވަނީ ކްލެމެންސީ ބޯޑުންނެވެ. އެބޯޑުގައި ފުލުހުންގެ ބޭފުޅަކު އިންނަވައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button