ރިޕޯޓް

ކުޑަ ގޮޅިން، ބަންދު ގޮޅިން، ބޮޑު ގޮޅިން، ޔާޑަށް!

މިއީ ރާއްޖޭގެ ކައިރި މާޒީގެ ސަފްހާތަކެކެވެ. މިހާރުވެސް ވަމުންދާގޮތެވެ. އަދުގެ އުސް އަލިތެކެވެ. ސަރުކާރުން ދައްކާ ވާހަކައާއި އަމަލާ ދިމައެއް ނުވެއެވެ. ރައީސް މީހާ ދައްކަވާ ވާހަކަފުޅަކާ ވަޒީރުން ދައްކަވާ ވާހަކައިގެ ދެކޮޅު ދިމަލެއް ނުވެއެވެ. އިއްތިހާދީ ބައިވެރިންވެސް ދެފަހަރު އެއްގޮތަކަށް ބަހެއް ނުބުނެއެވެ.

މިފަހަކަށް އައިސް ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގައި ކޮށިތަކެއް އަރަން ފަށައިފިއެވެ. ލަސްވެ މުއާލާތް ކެނޑެނީއެވެ. އަވަސްވެގެން އޮޅުން ބޮޅުން އަރަނީއެވެ. ނުވަތަ މައުލޫމާތުގެ ހަޒާނާ އޮޅިފޮޅިއަކަށް ވަނީއެވެ. ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގެ ވައުދުގައި ބައެއް ފަހަރު ބަރަވެއްޔެއް ތާށިވެގެން އުޅޭހެންވެސް ހީވެއެވެ.

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގެ ތެރޭގައި އަންހެނަކު ރޭޕުކުރި މައްސަލައިގައި ފުލުހުން ދިން މައުލޫމާތުގައި ”ހޮއި“ ހެދުނެވެ. މައުލޫމާތު ލިބިގަތުގެ ހައްގު ފަސްތަނުން ބަނދެ ކަފުންކޮށް ވަޅުލީ އެވެ. މޯލްޑިވިއަން ޑިމިކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ލާދީނީ ރިޕޯޓުގެ މައްސަލައިގައިވެސް ކަންތައް ވީ އެހެނެވެ. ހާޖަރާގޭ އަބްދުﷲ ލުތުފީގެ މައްސަލަވެސް ދިޔައީ ދެފެން ދޭތެރެއިންނެވެ. މިކަހަލަ ކިތަންމެ ކަމެކެވެ. މިނިވަން ނޫސްވެރިކަމުގެ ތެރެއިން ލިޔެވޭކަށް ނެތެވެ. ހަބަރެއް ލިޔެފިނަމަ ނުވަތަ ކިޔައިފިނަމަ ރައްޔިތުންގެ މަޖިލީހުގެ ދިގު އަތް މީޑިއާތަކަށް ފޯރަނީއެވެ. ހަބަރާ މައުލޫމާތު ފަތުރަންޖެހެނީ ސަރުކާރުން ބުނާގޮތަކަށެވެ. ސަރުކާރު ބޭނުންވާ ގޮތަށެވެ. ބަހެއް ނުލިބި އަވަދިވެ ހަބަރުގެ މުއާލާތް ކެނޑުނަސް އިތުބާރު ހުރި މަސްދަރުތަކުން ލިބުނު މައުލޫމާތު ޝާއިއުކޮށްގެން ދެ ދުވަހުން އެއްދުވަހު ތިބެންޖެހެނީ ފުލުސް ކޯޓަށާއި ކޮމިޓީތަކަށާއި މުއައްސަސާތަކުގެ ވަށްމޭޒުދޮށަށް ހާޒިރުވެއެވެ. މިނިވަން ނޫސްވެރިންނަކީ ސަރުކާރަށް ސަނާ ކިޔާ މީހުން އެކަންޏެވެ. ނުވަތަ ސަރުކާރުގެ ޕްރެސްތަކަށް ގަވައިދުން ގޮސް ސޮއިކުރާ ”ވޮނަބީ“ ޖާނަލިސްޓުންނެވެ. ދެން ތިބި ނޫސްވެރިން ސިފަކުރަނީ ގުނުމަށް ނުލާ މަގުމަތީ އެކްޓިވިސްޓުންގެ ގޮތުގައެވެ. ”ސެޓިފައިޑް“ ކަމަށް ބުނާ ނޫސްވެރިންގެ ޒިންމާ ފެންނަނީ ސަރުކާރުގެ ކުޅަދާނަކަމުގެ ވާހަކަ ލިޔެ މީޑިއާތަކުން ޝާއިއުކުރުމަށް ނުފޫޒު ފޯރުވުމުގެ ތެރެއިންނެވެ. ސިޔާސީ ރިޕޯޓެއްގެ ތެރެއިން ސަރުކާރަށް ފާޑުކިޔާ ކޮންމެ މީޑިއާކަށް އަންނަނީ ބަރިބަރިއަށް ޗިޓުތަކެވެ. އެއަށްފަހު ކަނޑާލަނީ ސްޕޮންސަރ ފައިސާކޮޅެވެ. މިއީ މިނިވަން ނޫސްވެރިކަމަށް ޖާގަދީގެން އައި ވެރިންގެ ހާލަތެވެ.

ނޫސްވެރިން ކުށްވެރި ކުރުމުގެ މާނައެއް ނެތެވެ. އެބަޔަކަށް ފެންނަ ކަންކަމާ އިވޭ އަޑުތައް ލިޔާނެއެވެ. އެކަމަކު ހުރިހާ ވާހަކައެއް ލިޔެ، ދެއްކުމުގައި ނޫސްވެރިންނަށް އަންނަ ނުފޫޒުގެ ސަބަބުން ހުންނަނީ ފަތުރާ ހަބަރެއް ނުވަތަ މައުލޫމާތެއް ކޮންމެވެސް އެއް ފަޅިއަކަށް ލެނބިފައެވެ. ރަސްމީ އިދާރާގެ ބަހެއް ނުލިބިގެން ހުކުރު އަންނަންދެން މަޑުކުރުމަކީ ނޫސްވެރިކަމުގެ އުސޫލެއް ނޫނެވެ. މައުލޫމާތު ހާމަނުކޮށް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދިނުމަކީ ނޫސްވެރިން ކުށްވެރިކުރަންޖެހޭ ސަބަބެއް ނޫނެވެ. ގިނަ ނޫސްވެރިންނާއި މީޑިއާތައް މިވަގުތު ތިބީ ބަންދެއްގައެވެ.

ދެން އޮތީ ނޫސްވެރިންގެ ހިތްތަކުގައި ރާއްޖޭގެ މަސްރަހާއި ގުޅޭގޮތުން އުފެދިފައިވާ، އެހެނަސް ރިޕޯޓްކުރަން ނުވަތަ ދައްކަން ނުކެރޭ ވާހަކަތަކެވެ. ރައްޔިތުންގެ މަޖިލީހުގެ ހުދުމުހުތާރުކަމެވެ. ހަގީގަތުގައި މަޖިލީހުގެ ކަންކަން ފާލުން ނެއްޓިއްޖެއެވެ. މަޖިލިސް ތެރޭގައި ގޭންގު މާރާމާރީ ހިންގަނީއެވެ. ފުލުހުންގެ މައްސަލަ ބަލަނީވެސް އެ އިދާރާއިންނެވެ. ރޯޔަލް ކަމަށް ބުނާ ރޭޕުތަކާއި، މީހުން ރަހީނުކުރުމާއި، ހިއުމަން ޓްރެފިކިންގެ މައްސަލަވެސް މެއެވެ. ދަންވަރު މަޖިލިސް ހުޅުވައިގެން ގާނޫނުތައް ބޭނުންގޮތަކަށް ހަދަމުން އައުމާ ދެކޮޅަށް ވަކާލާތު ކުރި މީހުން އެއް ރޭ ދަންވަރު ދޮރު ތަޅުލައިގެން ގާނޫނުވެސް ހަދައިފިއެވެ. އެވާހަކަ ދެއްކި ބަޔަކު ނެތެވެ. އާންމުންނަށް އެނގޭގޮތުގައި މަޖިލިސް ރައީސާއި ރައީސް މީހާއަކީ ދެ ފެކްޝަންގެ ގޮތުގައެވެ. އެކަމަކު ސަރުކާރުން މިހާތަނަށް ހުށަހެޅި ކޮންމެ ބިލެއްވެސް މަޖިލީހުން ފާސްކޮށްދިނެވެ.

ދީނީ އިލްމުވެރިންނަށް ބަހެއް ބުނެވޭނެ ގޮތެއް ނެތެވެ. މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރުކޮށްފާނެ ކަމުގެ ބިރަށެވެ. އެމީހުންވެސް ތިބީ އަމިއްލަ ދުނިޔެއްގައި ފާޑަކަށް ރަހީނުވެފައެވެ. ދީނަށް ހަޖޫޖަހާ ރިޕޯޓް ލިޔުމަކީ އިންސާނީ ހައްގެކެވެ. ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވަމުންދަނީއެވެ. މުދަލަކަށް އަތެއް ނުފޯރައެވެ. އަގުގެ އުސްކަމާ ބޮޑުކަމުންނެވެ. ސިއްހީ ހިދުމަތުގެ އިހުމާލުވުންތަކުގެ ތެރެއިން ބަނޑަށާއި ކޮނޑުމައްޗަށް އެތަކެއް ކުދިންނެއް މަރުވެއްޖެއެވެ. ޒުވާނުން މަގުމަތީގައި ބެންޑުވާ މިންވަރު ގިނަވެއްޖެއެވެ. ވަޒީފާއެއް ނުލިބެއެވެ. ދަތުރު ފަތުރުކުރުމާއި ޕާކު ކުރާނެ ތަންތަން ގިނަވެ ސްޓިކާ ތަކުގެ ހަމަލާތަކުން މަގުމައްޗަށް ނިކުމެ ނޫޅޭނަމޭ ހިތަށް އަރާ މީހުން ގިނަވެއްޖެއެވެ. މަގުތަމީ އެއްވެ އުޅުމުގެ މިނިވަންކަމެއް ނެތެވެ. ކުރިމަތިވާ މުސީބާތުން ގޭގައި އޮތްނަމައޭ ހިތައް އަރައެވެ. މިހުރިހާ ވާހަކައެއް ނޫސްވެރިން ތަފްސީލްކޮށް ލިޔަން ހަމަ ހިތަށް އަރާއިރަށް މަޖިލީހާއި މުއައްސަސާތަކުން އައިސް ކަންފަތް ފިލާ މަތީ ރަބަރު ތަތްގަނޑު ޖަހާފާނެކަމުގެ ބިރަށް ލިޔެވޭނެ ގޮތެއް ނެތެވެ. އެވެރިން ބުނާކަހަލައެވެ. ”ލިޔާށޭ ކޮވިޑާ ހެދި ވާ ކަންކަމޭ“ މިހެންނެވެ. މިކަމުގެ އެންމެ ބޮޑު ހިތާމައަކީ އަނގަމަތީ މަލަން އަޅައިގެން ދުލާއި ގަލަމުގެ މިނިވަންކަން ހޯދަން މީގެ ކުރިން ނިކުތް ނޫސްވެރިން، އަލަށް މި ދާއިރާއަށް ނިކުތް ނޫސްވެެރިންނަށް ދިމާވާ ގޮންޖެހުންތަކުގެ ހައްގުގައި ރައީސް އޮފީސް ދޮށުގައި އެއްވުމެއް ނުބާއްވާތީއެވެ. އޭގެ ތެރެއިން މަދު ނޫސްވެރިން، ދާއިރާގައި މަސައްކަތް ކުރާ ކުދިންގެ ހައްގުގައި ބަހެެއް ބުނެ ނުލާ ވާހަކައެއް ނޫނެވެ. މައްސަލައަކީ އިއްޔެ އުޅުނު ގޮތަށް މިއަދު އުޅުމަށް އޮތް ހުރަހަކީ ކޮބައި ކަން ނޭނގޭތީއެވެ.

ކޮންމެއަކަސް އެއް ކަމެއް ސާފެވެ. އާންމުން އަދިވެސް ތިބީ ބަންދެއްގައެވެ. ހީވާގޮތުގައި އެއީ އިގްތިސާދީ އިޖުތިމާއީ ބަންދެކެވެ. މާލީ އަދި ދާހިލީ މިނިވަންކަމުގެ ބަންދެކެވެ. އާންމުންގެ ކަންބޮޑުވުންތައް ތިލަ ކޮށް އެވާހަކަ ލިޔެ ދައްކައި އުޅޭނީ ނޫސްވެެރިންނެވެ. އެކަމަކު ފާޑުކިޔުމާއި އެތެރެފުށާއި ބޭރުފުށުގެ ވާހަކަތައް ގެނެސްދެން ދޫކޮށްލާނެ ކަމަށް ބުނި ނޫސްވެރިކަމުގެ މިނިވަން ކަމެއް އޮތް ހެނެއް ހިއެއް ނުވެއެވެ. އޮންލައިން ނޫހަކަށް ފިޔަވަޅު އަޅަން އިންޑިއާ އެމްބަސީއިން ސަރުކާރަށް އަންގާ ހިސާބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ބާބުގައި ސިއްކަ ޖަހުނީއެވެ.

ހުރިހާ ވާހަކައެއް ދައްކަން ބޭނުންވާ ނޫސްވެރިންނަށް އޮތީ ޖަލުތަކުގައި ތިބޭ ގައިދީންނަށް އޮންނަ އުސޫލެވެ. ހިތާމާއާއި ހިތްދަތިކަމުގެ ޖަލުގެ މައި ގޭޓުން ނިކުމެ ފުދުންތެރިކަމަށްޓަކައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދޭނެ ގޮތެއް ނެތެވެ. އެންމެ ދުރަށްވެސް ދެވޭނީ ޔާޑުކޮޅަށެވެ. ހަމަ ކުޑަގޮޅިން ބަންދު ގޮޅިން ބޮޑު ގޮޅިން ޔާޑަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button